ޚަބަރު

މޯލްޑިވިއަން އައިޑަލް ސީޒަން 3 : އަންނަ ބުރާސްފަތި ދުވަހު


މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޝޯވްތައް އަންނަ ބުރާސްފަތިދުވަހުރޭ ދައްކަން ފަށާނެއެވެ. 

އައިޑަލް ޓީމުން ބުނީ އަންނަ ބުރާސްފަތި ދުވަހު ޝޯވތައް ދައްކަން ފެށުމާއިއެކު އެންމެ ފުރަތަމަ ދައްކާނީ އައިޑަލްގެ މާލޭ އޮޑިޝަންތައްކަމަށެވެ.

މިމަހުގެ 15 އާއި 16 މިދެދުވަހު މާލޭގެ އޯޑިޝަންތަކަށްފަހު 17 ވަނަ ދުވަހު އައްޑޫ އޯޑިޝަންތައް ދައްކާނެއެވެ. އަދި 18 ވަނަ ދުވަހު ރ. އަތޮޅު އޯޑިޝަންދެއްކުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަން އައިޑަލް ޓީމުން ބުނެއެވެ. އެޓީމުން ބުނީ މިފަހަރުގެ ޝޯގެ ތެރޭގައި ޝަޢުގުވެރިވާފަދަ ގިނަ ކަންތައްތަކެއް ހިމަނާފައިވާނެކަމަށެވެ. އަދި ބެލުންތެރިންގެ ހަފްތާ ބަންދު މޯލްޑިވިއަން އައިޑަލްގެ ޝޯތަކަށް ޚާއްސަކުރެވޭ ފެންވަރުގެ ޝޯތަކަކަށް މިފަހަރުގެ ޝޯތައް ވާނެކަމަށެވެ.

މިސީޒންގެ ޝޯތަކުގައި ގިނަ ތަފާތު ކަންތައްތަކެއް ފެނިގެންދާނެކަމަށް މޯލްޑިވިއަން އައިޑަލްގެ ޓީމުން ބުނެއެވެ. ވަރުގަދަ ޓީމަކާއެކު ފަށާ މި ސީޒަން ހޯސްޓުކުރުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ޕްރެޒެންޓަރ މޫސާ ވަސީމާއި ރޭޑިއޯ ޕްރެޒެންޓަރ ޝައިނާ ޝަރީފެވެ. މިސީޒަންގެ ތަފާތު އެއްކަމަކީ ޖަޖުންގެ ޕެނަލެވެ. 4 ޖަޖުން މިފަހަރު ތިބޭއިރު އޭގެތެރޭގައި ހިމެނެނީ ކުރީގެ ސީޒަންތަކުން ފެނިގެންގޮސްފައިވާ މަރިޔަމް އުނޫޝާއާއި އަޙްމަދު އިބްރާހީމް (އައްމަޑޭ) އާއި އިސްމާޢީލް އައްފާންގެ އިތުރުން އަލަށް ގުޅޭ ޒާރާއެވެ. 

ތިންވަނަ ސީޒަން މިހަފްތާގައި ފަށާއިރު ފުރަތަމަ ސީޒަން ކާމިޔާބުކޮށްފައިވަނީ ލައިޝާ ޖުނައިދެވެ. ދެވަނަ ސީޒަން ކާމިޔާބުކޮށްފައިވަނީ މުޙައްމަދު ތަސްނީމެވެ.