ޚަބަރު

މުސާރައާއެކު އިންފްލޭޝަން ބޮޑެއްނުވާނެ - ފިނޭންސް


ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވަނީ، އިންފްލޭޝަނަށް އެކަމުގެ ނޭދެވޭ އަސަރު ނުކުރާނޭފަދަ ގޮތްތަކަށް ބަލައިގެންކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. 

ފިނޭންސް މިނިސްޓްރީން ބުނީ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރީ، ވަރަށް މުހިއްމު ކަންތައްތަކަކަށް ވިސްނުމަށްފަހުކަމަށެވެ. ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ވިދާޅުވީ، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވަނީ، މުވައްޒަފުންގެ މުސްތަޤްބަލަށާއި، ރާއްޖޭގެ އިޤްތިޞާދަށް އެކަމުގެ ސަބަބުން ކުރާނެ އަސަރުތަކަށްވެސް ވިސްނުމަށްފަހުކަމަށެވެ. 

" ހަގީގަތުގައި މީގައިވެސް އަޅުގަނޑުމެން މި ބޭނުންކުރަނީ މައިކްރޯ އިކޮނޮމިކްގެ ބެލެންސް ހިފެހެއްޓުމަށްޓަކައި. އަދި ހަމަ އެހެންމެ މާޒީން އަޅުގަނޑުމެން ތަޖުރިބާ އެބަ ހޯދަންޖެހޭ. ކުރީފަހަރުތަކުގައި މުސާރަ ބޮޑުކުރުމާއި ގުޅިގެން ކިހިނެތްތޯ ވެފައިހުރީ. މިސާލަކަށް މުސާރަ ބޮޑުކޮށްފަ ގެއަށްގެންދާ މުސާރަ ކުޑަވެއްޖެނަމަ އޭގެ މަންފާ ނުކުރާނެ. އިނގިވަޑައިގަންނަވާނެ ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ޤައުމެއް. ރާއްޖެއަށް މި ވާގޮތަކީ އިމްޕޯޓްކުރާ އެއްޗެއް ވަގުތުން ޑިމާންޑް ބޮޑުވެގެންދާނެ މުސާރަ ބޮޑުކުރާއިރަށް. މިހާރުވެސް ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ކުލި ފަދަ އެއްޗެހީގެ އަގުވެސް ބޮޑުވާން ފަށައިފިޔޭ. އެހެންވީމަ އެއްފަހަރާ މުސާރަ ބޮޑުނުކުރަނީ މިފަދަ ސަބަބުތަކަށްޓަކައި." މިނިސްޓަރު މުނައްވަރު ވިދާޅުވިއެވެ.

ސިވިލް ސަރވިސްގެ އެކި ގިންތީގެ މުވައްޒަފުންގެ މުސާރަ، އެކި މަރުހަލާތަކަށް ބަހާލައިގެން ބޮޑުކޮށްފައިވާއިރު، މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއްނައިސް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ވޭތުވެދިޔަ އަހަރުތަކުގައި މިނިވަން މުއައްސަސާތަކާއި، ސިވިލް ސަރވިސްގެ ބައެއް ޕްރޮފެޝަނަލް ގިންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއިއެކު ސިވިލް ސަރވިސްގެ އާންމު އޮނިގަނޑުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެމުވައްޒަފުންގެ މުސާރައިގެ ފަރަގު ވަރަށް ބޮޑުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެވެ. 

ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ވިދާޅުވީ، ސިވިލް ސަރވަންޓުގެ މުސާރަ ބޮޑުކުރުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސިވިލް ސަރވަންޓުންގެ އާމްދަނީގެ ފަރަގު ކުޑަކުރުން ހިމެނޭކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ މުސާރަ ބޮޑުކުރުމުގައި ސިވިލް ސަރވިސް މުއައްޒަފުންގެ އާމްދަނީގެ ފަރަގާއި، މުވައްޒަފުންގެ ފެންވަރާއި އުފެއްދުންތެރިކަން އިތުރުކުރުން ހިމެނޭކަމަށެވެ. 

" މީގެ މައިގަނޑު މަޤްސަދަކީ ހާއްސަކޮށް ލިބޭ އާމްދަނީގެ ފަރަގު ދަށްކުރުން. މީ ވަރަށް މުހިއްމު އެއް މަޤްސަދު. ހަމަ އެގޮތަށް އަސާސީ ޕެންޝަނެއް ގޮތުގައި މިސާލަކަށް ސަރުކާރުން އެބަދެއްވާ 5000 ރުފިޔާ. އެހެންނަމަވެސް ބަދަލު ގެނައުމުގެ ކުރިން އެބަތިބި މި އާމްދަނީ ނުލިބޭ މީހުން. އެހެންވީމަ މި އަދަދަށް އާމްދަނީ ޖެއްސުމަކީވެސް އެއް މަޤްސަދު." ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވިއެވެ.

މިދިޔަ އަހަރު ސިވިލް މުވައްޒަފުންގެ މުސާރައަށް މަހަކު 231 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ސިވިލް ސަރވަންޓުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލާއިއެކު މިހާރު މިޢަދަދު މަހަކު 252 މިލިއަން ރުފިޔާއަށް އިތުރުވެގެންދާނޭކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.