ޚަބަރު

ޤައުމަށް ޣައްދާރުވުމަށް ގޮވާލާ މީހުނަށް ޒުވާނުން ސަމާލުވާންޖެހޭ


ބޭރު ސިފައިން ގެނެސްގެން ރާއްޖޭގައި ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް އިދިކޮޅު ސިޔާސީ ބައެއް ފަރާތްތަކުން ކުރި މަސައްކަތް ބަލައި ނުގަނެވޭނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ޒުވާނުން އިސްނަގައިގެން ރުމާލު ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ ބޭރުގެ ސިފައިން ގެނެސްގެން ރާއްޖޭގެ ވެރިކަން ވައްޓާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވުމާއި އަދި އިދިކޮޅު ބައެއް ސިޔާސީފަރާތްތަކުން އެކަމަށް ތާއީދުކުރި ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ.

އަލީ އާރިފް ވިދާޅުވީ އިސްލާމީ ޤައުމެއްގައި ހިންގޭނޭ އެންމެބޮޑު ޖަރީމާއަކީ އިސްލާމްދީނަށް އުރެދުންކަމަށާއި، އެއަށްފަހުން ދެން އަންނާނެ އެންމެބޮޑު ޖަރީމާއަކީ ޤައުމަށް ޣައްދާރުވުންކަމަށެވެ. ޖަލްސާގައި ބައިވެރިވި ޒުވާނުނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން އަލީ އާރިފް ވިދާޅުވީ ޤައުމަށް ޣައްދާރުވުމަށް އެއްވެސް މީހަކު ދައުވަތު ދޭނަމަ އެކަމާއި އެންމެ ފުރަތަމަ ދެކޮޅުހަދާ ބަޔަކަށް ޒުވާނުންވާން ޖެހޭކަމަށެވެ.

ބޭރުގެ ސިފައިން ރާއްޖެ ގެނައުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ތާއީދުކޮށް ވާހަކަދެއްކި ފަރާތްތަކުން މިހާރު މަސައްކަތް ކުރަމުންދަނީ އެކަމުން ރެކެންކަމަށާއި އެފަރާތްތަކުން އެގޮތަށް މިއަދު މަސައްކަތްކުރަމުންދަނީ ވެރިކަން ވައްޓާލުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން ކަމަށްވެސް އަލީ އާރިފް ވިދާޅުވިއެވެ.

" އެބޭފުޅުން މިއަދު ވިދާޅުވޭ ތިމަންނަ އެގޮވާލި ގޮވާލުމަކަށް ތާއީދެއް ނުކުރަމޭ. އެހެންނަމަވެސް ނަޝީދު އެވިދާޅުވާ އެންވޯއީއެއް މިތަނަށް ފޮނުވުމަށް ބުނާ ބުނުމަށޭ ތިމަންނަމެން ތާއީދުކުރީ. އެހެން ވަކިވަކި ބައިބަޔަށް ތާއީދު ކުރެވޭތޯ ސްޓޭޓްމަންޓެއް ހަދާފަ އޮއްވައި. އެ ޓްވީޓްގައި ނަޝީދު ބުނެފައި އޮންނަނީ، ދިވެހިރާއްޖެއަށް އިންޑިއާގެ އެންވޯއީއެއް ފޮނުވަން އެބަޖެހެޔޭ ބެކެޑް ބައި މިލިޓަރީ. މިލިޓަރީއާ އެކު. އޭރަކު ވިދާޅެއް ނުވޭ ތިމަންނަމެން މި ތާއީދުކުރަނީ އެންވޯއީ އެކަނި ފޮނުވާށޭ. މިލިޓަރީ ފޮނުވާކަށް ތާއީދެއް ނުކުރަމޭ." އަލީ އާރިފް ވިދާޅުވިއެވެ

ރައީސް އަބުދުﷲ ޔާމީނަށް ތާއީދުއޮތްކަން ހާމަކުރުމުގެ ގޮތުން ޕީޕީއެމް ރުމާލު ޖަގަހައިގައި ބޭއްވި ޖަލްސާގައި ދެ ޖިންސްގެ ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ. އަދި މި ޖަލްސާގައި ބައިވެރިވި ބައެއް ޒުވާނުން ވަނީ، ރައީސް ޔާމިންގެ ވެރިކަމުގައި ޒުވާނުން ބާރުވެރިކުރުމަށް ކުރަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް ވާހަކަދައްކާފައެވެ.