ޚަބަރު

ޕާޓީތަކުން މަޝްވަރާގެ މޭޒަށް އައުމަށް އަނެއްކާވެސް ދައުވަތުދީފި


ސިޔާސީ ޕާޓީތަކުން މަޝްވަރާގެ މޭޒަށް އައުމަށް ސަރުކާރުން އަނެއްކާވެސް ދައުވަތު ފޮނުވައިފިއެވެ. މަޝްވަރާތަކަށް އައުމަށް ޕާޓިތަކަށް މިމަހުގެ އަށްވަަނަދުވަހުވެސް ސަރުކާރުން ގޮވާލާފައިވެއެވެ.

ރައީސް އޮފީހުން ބުނީ ސިޔާސީ ޕާޓީތަކުން އެއް މޭޒެއްގެ ދޮށަށް އައުމަށް އަލުން ދައުވަތު ފޮނުވީ ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އައިސްފައިވާ ބަދަލުތަކަށް ރިޢާޔަތްކުރުމަށްފަހުކަމަށެވެ. އަދި ރާއްޖެއަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯއްދޭނީ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށް، މިވަގުތު ހުރި ކަންބޮޑުވުންތައް ޙިއްޞާކޮށްގެންކަމަށް ދިވެހި ސަރުކާރަށް ޤަބޫލުކުރެވޭކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. މީގެއިތުރުން ބޭރުގެ ފަރާތްތަކުންވެސް ސީޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރުމަށް ބާރުއަޅަމުން ގެންދާކަންވެސް ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ސިޔަސީ މަސްރަޙްގައި ހުރި ނުތަނަވަސްކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސަރުކާރުން އަނެއްކާވެސް އިދިކޮޅު ފަރާތްތަކަށް މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލާފައި މިވަނީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިހާރު ހިނގަމުންދާ ކަންކަން ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްގެން ޙައްލުކުރުމަށް އދ އިން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

އދ އިން މިކަމަށް ގޮވާލާފައިވަނީ، ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިހާރު ހިނގަމުންދާ ކަންކަމާ ބެހޭގޮތުން އދގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ސިއްރު ބައްދަލުވުމެއްގައިކަމަށް ޚަބަރުތައް ބުނެއެވެ. ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްތައް ބުނާގޮތުން މިބައްދަލުވުމުގައި އދގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނަރަލް މިރޮސްލާވް ޖެންކާ ވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިންގަމުންދާ ކަންކަން ހުރިހާ ސިޔާސީ ފަރާތްތައް ބައިވެރިވާ މަޝްވަރާއަކުން ހައްލުކުރުމަށް ގޮވާލާފައެވެ. އަދި އެކަމަށް އދ އިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް އޭނާ ވިދާޅުވިކަމަށް ޙަބަރުތައް ބުނެފައިވެއެވެ.