ސިއްހަތު

އުފަންވާއިރު ހިތުގެބަލި ހުންނަ ކުދިން އިތުރުވަނީ


ކޮންޖެނެޓަލް ހާރޓް ޑިސީސް ނުވަތަ އުފެދުމުގައި ހުންނަ ހިތުގެ ބައްޔާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ޓައިނީ ހާރޓްސް އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ނަރސިންގ ސްކޫލް ގުޅިގެން ބާއްވައިފިއެވެ. 

ސަތޭކައަށް ވުރެ ގިނަ ނަރުހުންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި މިބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހިތުގެ ޙާއްސަ ޑޮކްޓަރު ޑރ.އައިޝަތު އެލީނާއެވެ. ޓައިނީ ހާޓްސްގެ ފަރާތުން މަޢުލޫމާތު ދެއްވި ޖީހާން މަޙްމޫދެވެ. ފެބްރުއަރީ 7 އިން 14 އަށް ފާހަގަކުރަނީ ބައިނަލްއަޤުވާމީ ގޮތުން މިބައްޔާ މެދު ހޭލުންތެރކުރުމަށް މަސައްކަތްކުރާ ހަފްތާގެ ގޮތުގައެވެ.

ޓައިނީހާޓްސްއިން ބުނީ ދުނިޔޭގެ އެހެން ތަންތަނެކޭ އެއްފަދައިން ރާއްޖޭގައިވެސް އެންމެ ގިނައިން ވިހެއުމުގެ ތެރޭގައި ފެންނަ ބައްޔަކީ ކޮންޖެނެޓަލް ހާޓް ޑިސީސް ނުވަތަ އުފެދުމުގައި ހުންނަ ހިތުގެ ބަލިކަމަށެވެ. ރާއްޖޭގައި ވިހާ ކޮންމެ 100 އަކުން އެއް ކުއްޖަކީ މިބަލި ހުންނަ ކުއްޖެއްކަމަށް ޓައިނީ ހާޓްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެޖަމްއިއްޔާގައި މިހާތަނަށް 500 ކުދިން ރަޖިސްޓަރ ވެފައިވާކަމަށާއި މީގެ ތެރެއިން 98 އިންސައްތަ ކުދިންނަކީ އުމުރުން 10 އަހަރުން ދަށުގެ ކުދިންކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ. ޓައިނީ ހާޓސްއިންދަނީ އުފެދުމުގައި ހިތުގެ ބަލި ހުންނަ ކުދިންނަށް އެހީވުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. އަދި މިފަދަ ކުދިންނަށް ވީހާވެސް ޢާއްމު ދިރިއުޅުމެއް އުޅެވޭނެފަދަ ގޮތްތައް ދެނެގަތުމަށްވެސް މަސައްކަތްކުރަމުންދެއެވެ. މީގެ އިތުރުން މިބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ޙަރަކާތްތައް އެޖަމްޢިއްޔާއިން ދަނީ ހިންގަމުންނެވެ.