ޚަބަރު

"މޯލްޑިވްސް ގޭސް"ނަމުގަ އޮޅުވާލައިގެން ރީލޯޑް ކުރުވަނީ! ސަމާލުވޭ!


ކަސްޓަމަރުންނަށް އޮޅުވާލައިގެން ރީލޯޑް ކުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން އިލްތިމާސްކޮށްފިއެވެ.

އެކުންފުނިން މިފަދައިން އެދުނީ އެކުންފުނީގެ ނަމުގައި ޕްރޮމޯޝަނެއްކަމަށް ބުނެ ކަސްޓަމަރުންނަށް ގުޅާ ރާސްޓަސް/ރީލޯޑްކޮށްދިނުމަށް އެދެމުންދާކަމުގެ މައްސަަލަ އެކުންފުންޏަށް ލިބުމާގުޅިގެންނެވެ.

މޯލްޑިވްސް ގޭސްއިން ބުނާގޮތުގައި އެކުންފުނީގެ ފަރާތުން ކުރިޔަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް ބުނެ އޮޅުވާލައިގެން ކަސްޓަމަރުންނަށް ފޯނުމެދުވެރިކޮށް ބަޔަކު ގުޅަމުންދާކަމުގެ މައުލޫމާތު އެކުންފުންޏަށް ލިބިފައިވެއެވެ. 

އަދި މިއީ އެކުންފުންޏާ ގުޅުންހުރިކަމެއް ނޫންކަމަށާ،މިއީ ބަޔަކު މީހުން އޮޅުވާލައިގެން ފައިސާ ހޯދުމަށް ކުރާކަމެއްކަމަށް އެކުންފުނިން ބުންޏެވެ. 

މޯލްޑިވް ގޭސްއިން ބުނީ އެކުންފުނީގެ ބައެއް ކަސްޓަމަރުންނަށް ފޯނުންގުޅާ، ޕްރޮމޯޝަނެއްކަމަށްބުނެ ސުވާލުތައްކޮށް އަދިސުވާލުތަކަށް ޖަވާބުދެވޭ ފަރާތްތަކަށް ވަކި އިނާމެއް ލިބޭނެކަމަށް ބުނެ އަދި އެފަރާތުގެ ފޯނަށް ވަކި ޢަދަދަކަށް ރާސްޓަސް ފޮނުވައި ދިނުމަށް އެދެމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި އެކުންފުނީގެ ނަމުގައި ހިންގާ އެއްވެސް ޕްރޯމޯޝަނަކާ ގުޅިގެން ކަސްޓަމަރެއްގެ އަތުން ފައިސާ ނުވަތަ ރާސްޓަސް /ރިލޯޑް ކުރުމަށް އެކުންފުނިން ހުށަނާޅޭނަކަމުގެ ޔަޤީންކަންދީ ، މި ފަދަ ކަންކަމަށް ސަމާލުވުމަށް ކަސްޓަމަރުންނަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއީ، ރައްޔިތުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަޤުސަދުގައި ހިންގާ އަމަލެއް ކަމުގައި ބެލޭވޭތީ، މި ފަދަ ފޯންކޯލެއް ލިބިވަޑައިގެންފިނަމަ މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރ 3335614އަށް ގުޅުއްވައި އެ ކަމުގެ މައުލޫމާތު ހިއްސާ ކޮށްދިނުމަށް އެކުންފުނިން ވަނީ އެދިފައެވެ.