ޚަބަރު

އައިޖީއެމްއެޗްގެ މުވައްޒަފުން ކުޑަކުދިންގެހިޔާގައި ޚިދުމަތްކޮށްފި


ރާއްޖޭގެ ޞިއްޙީ ދާއިރާއަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި އައިޖީއެމް ހޮސްޕިޓަލުން ކުރިއަސް ގެންދާ ހަރަކާތްތަކުގެ ތެރެއިން އެތަނުގެ މުވައްޒަފުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ޚިދުމަތްދީފިއެވެ. 

އެއްގަޑިއިރު އިޖުތިމާޢީގޮތުން ފައިދާ ހުރިކަމަކަށް ހޭދަކުރުމަށް ކަނޑައާޅާފައިވާ ޝިޢާރުގެ ދަށުން އެހޮސްޕިޓަލުގެ މުވައްޒަފުން ވިލިމާލޭ ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތްކޮށް ޚިދުމަތް ދީފައިވާއިރު، މިކަމުގެ އަމާޒަކީ އެހޮސްޕިޓަލުގެ މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުން މުޖުތަމަޢުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. މިއީ މުޅިއަހަރަށް ބަހާލައިގެން ކުރިއަށްގެންދާ ޙަރަކަތެކެވެ. ވިލިމާލޭ ކުޑަކުދިންގެ ހިޔާއަށް އެހީތެރިވުމަށް ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި އައިޖީއެމްއެޗްގެ ގިނަ މުވައްޒަފުންތަކެއް ވަނީ ބައިވެރިވެފައެވެ. 

އައިޖީއެމްއެޗްގެ ސީނިއަރ ރަޖިސްޓަރޑް ނާރސް ޝައުފާ ވަހީދު ވިދާޅުވީ މފަދަ ޙަރަކާތްތަކުގެ ސަބަބުން މުޖުތަމައަށް ފައިދާހުރިކަމެއް ހޮސްޕިޓަލުގެ މަސައްކަތްތަުގެ، ބޭރުން ކުރެވޭތީ މުވައްޒަފުން އެކަމާ އުފާކުރާކަމަށެވެ. 

"ހިޔާގެ ކުދިންނަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި މީހުންނަށް އިތުބާރުކުރަން ދަސްވާކަހަލަ ޙަރަކާތްތަކާއި މުނިފޫހި ފިލުވޭނެ ތަފާތު ޙަރަކާތްތައްވެސް ހިމެނޭނެ. އޭގެ އިތުރުން ކުދިންގެ ހުނަރު ދައްކާލުމަށްވެސް ފުރުސަތު އޮންނާނެ." ޝައުފާ ވިދާޅުވިއެވެ. 

ސިއްޙީ ދާއިރާއަށް ބޮޑެތި ބަދަލުތައް އަންނަމުންދާއިރު އައިޖީއެމްއެޗްގެ އަމާޒަކީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެހީތެރިކަން މުޖުތަމަޢުގައި އެކަމަށް އެންމެ ބޭނުންވާ ފަރާތަތަކަށްވެސް ލިބޭނެ މަގު ފަހިކޮށްދިނުމެވެ. މި ޕްރޮގްރާމްގެތެރެއިން މިދިޔަ ހަފްތާގައި އެ ހޮސްޕިޓަލުގެ މުވައްޒަފުންވަނީ ހުޅުމާލޭގައި ހުންނަ ފިޔަވަތި މަރުކަޒްގެ ކުދިންނާއެކުވެސް ވަގުތު ހޭދަކޮށްފައެވެ.