ޚަބަރު

6 ދުވަސްތެރޭގައި ޕީޕީއެމާ 4000 މެމްބަރުން ގުޅިއްޖެ


ވޭތުވެދިޔަ 6 ދުވަސްތެރޭގައި ވެރިކަންކުރާ ޕީޕީއެމަށް 4000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.

ޕީޕީއެމުން މިއަދު ސްޓެލްކޯ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެޕާޓީއާ އަލަށް ގުޅުނު 4000 މީހުންގެ ފޯމް ވަނީ ޕީޕީއެމްގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުވާފައެވެ. ޕީޕީއެމުން ބުނީ މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން، ވޭތުވެދިޔަ 6 ދުވަހުގެ ތެރޭގައި، އަމިއްލަ އިސްނެގުމަށް އެޕާޓީއަށް އަލަށް ގުޅިފައިވާ މެމްބަރުންގެ ފޯމްކަމަށެވެ.

ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެޕާޓީގެ ނާއިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ޤާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލުމަށް ބަޔަކު ކުރި މަސައްކަތުގެ ސަބަބުން ސަރުކާރާއި، ޕީޕީއެމް އިތުރަށް ބަދަހިވެފައިވާކަމަށެވެ. އަދި މި ދަނޑިވަޅުގައިވެސް ސަރުކާރާއި ޕީޕީއެމް އޮތީ ވަރަށް ބަދަހިކަމާއެކުގައި ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ ވެރިކަން ވައްޓާލުމަށް ބަޔަކު ކުރި މަސައްކަތަކީ، ރައީސް ޔާމީނަށް ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް އިތުރު ހިއްވަރެއް ލިބިގެންދިޔަ ކަމެއްކަމަށެވެ.

ބޭރު އެކި ޤައުމުތަކުގެ ސިފައިން ރާއްޖެއައުމަށް އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް ގޮވާލަމުން ދިޔަނަމަވެސް އެފުރުޞަތު ނޯންނާނެކަމަށް ޢަބްދުއްރަޙީމް ތަކުރާރުކޮށް ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު ވިދާޅުވީ، ޕީޕީއެމާއި ސަރުކާރުން ކުރާ މަސައްކަތް އިދިކޮޅު ފަރާތްތަކަށް ހުއްޓުވައި ނުލެވޭނެކަމަށެވެ. ޝާހިދު ވިދާޅުވީ ރައީސް ޔާމީނާއި، އެމަނިކުފާނުގެ އަނބިކަނބަލުންނަކީ ވެރިކަމުގެ ޝާނާއި ޝައުކަތު ބޭނުންވާ ބޭފުޅުން ނޫންކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމް ރައީސް ޔާމީނާ ޙަވާލުކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ޕީޕީއެމަށް ތާއީދުކުރާ ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ވެރިކަންކުރާ ޕާޓީއަށް 4000 މެމްބަރުން އަލަށް ގުޅުނުއިރު އެޕާޓީއަކީ މިހާރުވެސް ރާއްޖޭގައިއޮތް އޮންމެ ބޮޑު ސިޔާސީ ޕާޓީއެވެ.