ޚަބަރު

ރައީސް މައުމޫނާއި ފަނޑިޔާރުންގެ ޙާލު ރަނގަޅު - އެޗް.އާރ.ސީ.އެމް


ޖިނާއީ ބޮޑެތި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނާއި، ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރުންގެ ޙާލު ބަލައި މޮނިޓަރ ކުރަމުންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި، ސަސްޕެންޑް ކޮށްފައިވާ ފަނޑިޔާރު އަލީ ޙަމީދުގެ ޙާލުވެސް ރަނގަޅުކަމަށެވެ. އަދި ރައީސް މައުމޫނާއި، އުއްތަމަ ފަނޑިޔާރު ދޫނިދޫގައި ކަސްޓޯޑިއަލްގައި ބައިތިއްބާފައި ތިބި ތަނުގެ ހާލަތުވެސް ރަނގަޅުކަމަށެވެ. އަދި ފަނޑިޔާރު އަލީ ޙަމީދަށް ސިއްޙީ މައްސަލައެއް ދިމާވެގެން އައި.ޖީ.އެމް.އެޗްގައި ފަރުވާދެމުންދާކަމަށާއި، އަލީ ޙަމީދުގެ ހާލުވެސް ރަނގަޅުކަމަށް އެޗް އާރސީއެމުން ބުނެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ ހައްޔަރުކޮށްފައިވާ 3 ބޭފުޅުންގެ ޙާލުވެސް ގާތުން ބަލައި މޮނިޓަރ ކުރަމުންދާކަމަށެވެ.

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ހައްޔަރުކޮށްފައިވަނީ، ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި، ޤާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައެވެ. އަދި އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ޙަމީދު ޙައްޔަރުކޮށްފައިވަނީ ރިޝްވަތު ހިފުމާއި، ޖިނާޢީ ޢަދުލުގެ ނިޒާމު ހިންގުމަށް ދަތިކުރުންފަދަ ބޮޑެތި ތުހުމަތުތަކެއްގައެވެ.

މި ތިން ބޭފުޅުންނަށްވެސް ޤާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ފުލުހުން ވަނީ ފަހިކޮށްދީފައެވެ. އަދި މި ތިން ބޭފުޅުންވެސް ވަނީ ފުލުހުން ކުރާ ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ.