ޒުވާނުންނަށް ވަޒީފާއާ ތަމްރީނާއި ތަޢުލިމީ ގިނަ ފުރުސަތުތަކަކާއެކު ޔޫތް ޗެލެންޖް 2018 މިރޭ ދަރުބާރުގޭގައި ފެށޭނެއެވެ.
މިއީ ޔޫތް މިނިސްޓްރީއިން ކޮންމެ އަހަރަކުވެސް ޒުވާނުންނަށް ޚާއްސަކޮށްގެން އެކިއެކި ފުރުސަތުތައް ފަހިކޮށްދިނުމުގެ މަޤްސަދުގައި ކުރިޔަށް ގެންދާ ޗެލެންޖެކެވެ. މިއަހަރުގެ ޔޫތް ޗެލެންޖް މިއަދުންފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިޔަށްދާނެއެވެ. ޔޫތް ޗެލެންޖުގެ ތެރެއިން ސަރުކާރު އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގެ ވަޒީފާގެ ފުރުސަތުތަކާ، އެޑިއުކޭޝަން މިނިސްޓްރީއާއި ޓުއަރިޒަމް މިނިސްޓްރީއާ، ރާއްޖޭގައި ހުންނަ ކޮލެޖް ޔުނިވާރސިޓީތަކުގައި ލިބެން ހުރި ތަމްރީންތަކުގައި ބައިވެރިވުމުގެ ފުރުސަތު ޒުވާނުންނަށް ލިބިގެންދާނެއެވެ.
މި ޔޫތު ޗެލެންޖްގައި 112 ފަރާތުން 790 ވަޒީފާގެ ފުރުޞަތު އަދި ތަޢުލީމީ ދާއިރާއިން ބައިވެރިވެ ވަޑައިގަންވާ ފަރާތްތަކުން 901 ކޯސް ހުށަހަޅުއްވާފައިވެއެވެ. މިޗެލެންޖް ހުޅުވުމުގެ ރަސްމިއްޔާތު މިރޭ ދަރުބާރުގޭގައި އޮންނަ އިރު މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމެވެ. ޔޫތް މިނިސްޓްރީއިންވަނީ މިއިވެންޓަށް ޒިޔާރަފްކޮށް ވީހާވެސް ގިނަ ޒުވާނުން މިފުރުސަތުގެ ބޭނުން ހިފުމަށް އެދިލައްވާފައެވެ. އަދި މިއީ ސަރުކާރުން ރާއްޖޭގެ ވަޒީފާގެ ދާއިރާއަށް 94،000 ފުރުސަތު ފަހިކުރުމަށް ވެފައިވާ ވައުދުމުގެ މަޤްސަދުގައި ކުރިޔަށް ގެންދާ ހަރަކާތެއްކަން ހާމަކުރައްވާފައެވެ.