ޚަބަރު

ޓީ.އައި.ޓީ.އެފްގައި މަޓާޓޯއާ 10 ކުންފުންޏެއް ބައިވެރިވެއްޖެ


ތައި އިންޓަރނޭޝަނަލް ޓްރެވަލް ފެއަރ، ޓީ.އައި.ޓީ.އެފްގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާޒް (މަޓާޓޯ)އާއެކު ރާއްޖޭގެ 10 ކުންފުންޏަކުން ބައިވެރިވެއްޖެއެވެ.

މިއީ ތައި ޓްރެވަލް އެޖެންޓްސް އެސޯސިއޭޝަންގެ ފަރާތުން އިންތިޒަމްކޮށްގެން ކުރިޔަށް ގެންދިޔަ ފެއަރއެކެވެ. މިފެއަރގައި ދުނިޔޭގެ ފަތުރުވެރިކަމުގެ 35 މަންޒިލަކުން 500 އެގްޒިބިޓާރުން ބައިވެފައިވެއެވެ. ތައިލޭންޑުގެ ކުއީން ސިރިކިތް ނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ކުރިޔަށްދިޔަ މިފެއަރއަށް ބައިމިލިއަނެއްހާ މިހުން ޒިޔާރަތްކޮށްފައިވާކަމަށް މިފެއަރ އިންތިޒާމްކުރި ފަރާތުން ބުންޏެވެ. 

ރާއްޖޭގެ ފަރާތުން މިފެއަރގައި ބައިވެރިވި މީހުންގެ ތެރޭގައި ޓުއަރ އޮޕަރޭޓަރުންނާއި ރިޒޯޓް އަދި ފަތުރުވެރިކަމާ ގުޅުން ހުރި އެހެނިހެން ކުންފުނިތައް ހިމެނެއެވެ. ތައިލޭންޑަކީ ދެކުނު އިރުމަތީ އޭޝިއާއިން ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ އެއް ޤައުމެވެ. މަޓާޓޯއިންދަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތްތަކެއް ބައިނަލްއަޤްވާމީ ފެންވަރެއްގައި ކުރަމުންނެވެ. މިގޮތުން މިއަހަރު ތެރޭގައި 19 ފެއަރ އާއި ޓްރޭޑް އެގްޒިބިޝަނެއްގައި ބައިވެރިވާނެކަމަށް އެޖަމްޢިއިއްޔާއިން ވަނީ އިޢުލާންކޮށްފައެވެ.