ޚަބަރު

މިމަހުން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި


ސިވިލް ސަރވިސް މުވައްޒަފުންނަށް އިނާޔަތްތައް އިތުރުކޮށް، ޚާއްޞަ އެލަވަންސްތަކެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ޢާންމުކޮށްފައިވާ ސަރކިއުލަރގައި ވާގޮތުން ސިވިލް ސަރވިސް ކޮންމެ މުވައްޒަފަކަށް މިހާރު ލިބޭ މުސާރައާއި އެލަވަންސްތަކުގެ އިތުރުން އެންމެ ކުޑަވެގެން 700 ރުފިޔާގެ ޚާއްޞަ އެލަވަންސެއް މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ދިނުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން "ޓެކްނިކަލް ކޯ" މަޤާމުތަކުގައި ތިބޭ މުވައްޒަފުންގެ ތެރެއިން ކަނޑައެޅޭ ޝަތުރުތައް ހަމަވާ މުވައްޒަފުންނަށް މުސާރައިގެ 28  އިންސައްތަ "ޓެކްނިކަލް ކޯ އެލަވަންސް" ގެ ނަމުގައި ދިނުމަށް ވަނީ ނިންމާފައެވެ. އަދި ޓެކްނިކަލް ކޯ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ޝަތުރު ހަމަ ނުވާ މުވައްޒަފުންނަށް މަޤާމުގެ ރޭންކަށް ބަލައި 700 ރުފިޔާއާއި 1500 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ދިނުމަށް ނިންމާފައިވެއެވެ.  އަދި ސިވިލް ސަރވިސް "ސަޕޯޓް ސަރވިސް" ރޭންކް ތަކުގައި ތިބި މުވައްޒަފުންނަށް 1200 ރުފިޔާގެ އެލަވަންސެއް "ސަޕޯޓިންގ ކޯ އެލަވަންސް 1" ގެ ނަމުގައި ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ސިވިލް ސަރވިސް ޖެނެރަލް ސަރވިސް ރޭންކުން ފެށިގެން މަތީގެ މުވައްޒަފުންގެ ތެރެއިން ޓެކްނިކަލް ކޯ ގައި ނުހިމެނޭ މަޤާމުތަކުގައި ތިބި މުވައްޒަފުންނަށް މަޤާމުގެ ރޭންކަށް ބަލައި 700 ރުފިޔާއާއި 1500 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައެވެ.

ސިވިލް ސަރވިސް މުވައްޒަފުންނަށް އަލަށް ދިނުމަށް ނިންމާފައިވާ އެލަވަންސްތައް ދިނުމުން އިސްތިސްނާ ވާ މުވައްޒަފުންގެ ތެރޭގައި 2009 ވަނަ އަހަރުގެ ފަހުން ވަޒީފާގެ ޚާއްޞަ އޮނިގަނޑެއް އެކުލަވާލައި އިނާޔަތްތަކަށް ބަދަލު ގެނެސްފައިވާ މުވައްޒަފުންނާއި، ސިވިލް ސަރވިސް ކޮންޓްރެކްޓް މުވައްޒަފުންނާއި، ސިވިލް ސަރވިސް "ޒެޑް ވީ ސެވަން" ރޭންކްގައި ތިބި މުވައްޒަފުން ހިމެނެއެވެ.

ސަރުކާރުން ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 234 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓްގައި ވަނީ ހިމަނާފައެވެ.