ޚަބަރު

ފަތުރުވެރިންނަށް ފުރިހަމަ ރައްކާތެރިކަން އެބައޮތް - އާޓާ


ރާއްޖޭގައި ކުއްލީ ޙާލަތުގެ ޢަމުރު އިޢްލާންކޮށް، ތަންފީޒްކުރަމުން ދިޔަނަމަވެސް، އެކަމުގެ އަސަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ނުކުރާނެކަމަށާ، ފަތުރުވެރިންނަށް ފުރިހަމަ ރައްކާތެރިކަން އެބައޮތްކަމަށް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް، އާޓާއިންބުނެފިއެވެ. 

އެޖަމްޢިއްޔާއިން މިކަން ހާމަކޮށް ޢާންމުކުރި  ބަޔާނުގައި ބުނެފައިވަނީ، ރާއްޖެއަކީ ކުދިޖަޒީރާ ރަށްތަތަކަށް ބެހިފައިވާ ޤައުމެއްކަމުން، ރިޒޯޓްތައް އަދި ހޮޓެލްތައް ހުންނަނީ ވަކިވަކި ރަށްތަކުގައިކަމަށެވެ. އަދި ޤައުމުގައި ކުރިޔަށްދާ ސިޔާސީ ހަމަނުޖެހުންތައް ކުރިޔަށްދަނީ ވެރިރަށް މާލޭގައިކަމުން، މިކަމުގެ އަސަރު ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ނުކުރާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އާޓާއިން ބުނެއެވެ.  ދިވެހި ސަރުކާރާ، އިދިކޮޅު ފަރާތްތަކަށްވެސް ޤައުމަށް ފަތުރުވެރިކަމުގެ މުހިންމުކަން އިނގޭނެކަމަށާ، އެހެންކަމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަން ހުރިހާ ފަރާތަކުންވެސް ކަށަވަރުކުރާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އާޓާގެ ބަޔާނުގައިވެއެވެ. 

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާން ކުރުމާއެކު ދިވެހި ސަރުކާރުންވެސް ބުނެފައިވަނީ މީގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެއްވެސް ނުރައްކަލެއް ނެތްކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރިސޯޓްތަކާއި، ފްލައިޓްތައް އަދި ހޮޓެލް ތަކުން ކުރިންވެސް ޚިދުމަތްދެމުންދިޔަ ގޮތަށް ޚިދުމަތްދިނުމުގައި ދެމިތިބުމަށް ސަރުކާރުންވަނީ ގޮވާލާފައެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާންކޮށްފައިވީނަމަވެސް ސްކޫލްތަކާ، ކޮމާރޝަލް ސެކްޓަރ، އަދި ޢާންމު ހުރިހާ ޚިދުމަތެއް ކުރިއެކޭ އެއްގޮތަކަށް ދެމުންދާކަން ފާހަގަކޮށްލެވެއެވެ.