ޚަބަރު

އިދިކޮޅު ޙަރާކާތްތައް އެމްއެންސީސީއައިން ކުށްވެރިކޮށްފި


ދިވެހިރާއްޖޭގެ ސިޔާސީ މަޞްރަހު ހަލަބޮލިކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތައް ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާއިން ކުށްވެރިކޮށްފިއެވެ.

މިކަމާއި ބެހޭގޮތުން ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ސިޔާސީ ހަލަބޮލިކަމުގައި އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންވާގޮތަށް ކުރަމުންގެންދާ އެކިއެކި މަސައްކަތްތައް އެޖަމިއްޔާއިން ކުށްވެރިކުރާ ކަމަށެވެ.

ސަރުކާރާ ދެކޮޅު ފަރާތްތަކުން ސިޔާސީ މަޤްސަދެއް ޙާޞިލްކުރުމަށް، ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބު، ފަތުރުވެރިކަމާއި އަދި އެސިނާއަތާ ގުޅުންހުރި އެކިއެކި ދާއިރާތަކަށް ހުރަސްއެޅުމުގެ ގޮތުން ކުރަމުންގެންދާ މަސައްކަތްތަކަކީ، ދިވެހި ވިޔަފާރިތަކަށާއި، މުޅި ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި އާއްމު ރައްޔިތުންނަށް އިޔާދަނުކުރެވޭފަދަ ގެއްލުންތަކެއް ކުރިމަތިވާނޭ ކަމެއްކަމަށް މި ބަޔާނުގައި ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާއިން ވަނީ ފާހަގަކުރައްވާފައެވެ.

ސިޔާސީގޮތުން ކުރާ މިފަދަ އަމަލުތަކުގެ ނޭދެވޭ އަސަރު ފޯރާނީ ހަމައެކަނި ސަރުކާރަށް ނޫންކަމަށްބުނެ، މިކަންތަކުގައި ޙަރަކާތްތެރިވާ އިދިކޮޅު ބޭފުޅުންގެ ތެރެއިން މިހާރު ރާއްޖޭގައި ތިއްބެވި ބޭފުޅުންނަށް ވަގުތުން ފިޔަވަޅު އެޅުމަށް ކަމާއި ބެހޭ އިދާރާތަކަށް ވިޔަފާރިވެރިންގެ ޖަމްޢިޔާގެ ބަޔާނުގަވަނީ ގޮވާލާފައެވެ.