ކުޅިވަރު

ޗެލްސީއަށް ގަންނަންވީ މޮޅު ކުޅުންތެރިން: ކޮންޓޭ


ޗެލްސީއަށް ގަންނަންވީ މޮޅު ކުޅުންތެރިން ކަމަށް ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

އޭނާ މިހެން ބުނީ ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ޗެލްސީ އަށް ގެނެސްފައިވާ ކުޅުންތެރިންނާ ބެހޭ ގޮތުން ސުވާލު ކުރުމުންނެވެ.

ކޮންޓޭ ބުނީ އޭނާގެ ނަޒަރުގައި ޗެލްސީ ޓީމު ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކެއް ގެނެވިފައިވާ ކަމަށާއި، ނަމަވެސް ކުޅުންތެރިން ގިނަ ކުރުމުގެ ބަދަލުގައި ގެންނަންވީ މޮޅު ކުޅުންތެރިން ކަމަށެވެ.

"ކުޅުންތެރިންގެ އަދަދު ގިނަކުރުމުގެ ބޭނުމެއްނެތް. އަށް ކުޅުންތެރިން ގެނައުމުގެ ބަދަލުގައި ގެންނަންވީ މޮޅު ކުޅުންތެރިން. އެއިރުން ޓީމަށް ފައިދާވާނީ. އެހެން ޓީމުތަކުން ކުޅުންތެރިން ހޯދާފައިވަނީ އަހަރުމެންނަށްވުރެ މަދުން. އެކަމަކު އެމީހުން ގަނެފައިވަނީ އެންމެ ފެންވަރު މަތީ ކުޅުންތެރިން،" ކޮންޓޭ ބުންޏެވެ.

ހުސްވި ސީޒަނުގައި ޗެމްޕިއަންކަން ހޯދި ނަމަވެސް މި ސީޒަނުގައި ޗެލްސީއަށް ވަނީ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނުމަށް މަސައްކަތް ކުރަން ޖެހިފަ އެވެ. މިހެންވެ ކޮންޓޭ ބުނީ ޗެލްސީގެ ޓީމުގެ ލެވެލް މިކަމުން ދައްކައިދޭ ކަމަށެވެ.

"މިދިޔަ އަހަރުތަކުގައި ޗެލްސީ ޓީމުން ވަރަށް ތަޖުރިބާކާރު ކުޅުންތެރިންތަކެއް ކުޅުން ހުއްޓާލައިފި. މިހެންވެ އެ ކުޅުންތެރިންގެ ބަދަލުގައި ތަޖުރިބާހުރި ކުޅުންތެރިން ޓީމަށް ބޭނުންވޭ،" ކޯޗު ބުންޏެވެ.

ކޯޗު ކޮންޓޭ މިމޭރުމުން ވާހަކަދައްކާފައި މިވަނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވަޓްފޯޑް އަތުން 4-1 ން ބަލިވެފައިވަނިކޮށެވެ.