ޚަބަރު

ކުރީގެ ރައީސް މައުމޫނު ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފި


މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން ޢަބުދުލްޤައްޔޫމް ހައްޔަރުކޮށްފިއެވެ.

ކުރީގެ ރައީސް މައުމޫން ހައްޔަރުކުރިކަން ފުލުހުންގެ އިދާރާއިން ރަސްމީކޮށް ވަނީ ކަށަވަރުކޮށްދީފައެވެ. މިކަން ހާމަކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ފުލުހުން ތަހްގީގުކޮށް ބަލަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް މއ.ކިނބިގަސްދޮށުގޭ މައުމޫން ޢަބުދުލްޤައްޔޫމް މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. 

ކުރީގެ ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ، މިރޭ އެމަނިކްފާނު ދިރިއުޅުއްވާ ގެކޮޅު މ.އެންދެރިމާގެއިންނެވެ.

ފުލުހުން ކުރީގެ ރައީސް މައުމޫން ހައްޔަރުކުރިއިރު، އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމުވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި ފުލުހުން މިހާރުވަނީ އެ ދެމީހުން ދޫނިދޫއަށް ގެންގޮސްފައެވެ. އެމަނިކުފާން ދޫނިދޫއަށް ގެންގޮސްފައިވަނީ ވަކީލުނާއެކުއެވެ.

މިކަމާއި ގުޅިގެން ކުރީގެ ރައީސް މައުމޫނުގެ ވަކީލު ޓްވިޓަރގައި ވިދާޅުވެފައިވަނީ ރައީސް މައުމޫނު ހައްޔަރުކޮށްފައިވަނީ، ވެރިކަން ވައްޓާލުމާއި ރިޝްވަތުގެ ތުހުމަތުގައިކަމެވެ.