ޚަބަރު

ރާއްޖެއާއި ތައިލޭންޑުގެ ގުޅުންދަނީ އިތުރަށް ބަދަހިވަމުން - ސަފީރު


ދިވެހި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫތަކުގެ ސަބަބުން ރާއްޖެއާއި ތައިލޭންޑާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވެފައިވާކަމަށް ތައިލޭންޑުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ނޮން ރެޒިޑެންޓް ސަފީރު ވިދާޅުވެއްޖެއެވެ. ތައިލޭންޑުގެ ސަފީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން އިނގިރޭސިބަހުން ގެނެސްދޭ ޕްރޮގްރާމް، ޓޯކް މޯލްޑިވްސްގައި ވާހަކަދައްކަވަމުންނެވެ. 

ޕީ.އެސް.އެމް ނިއުސްގެ ޓޯކް މޯލްޑިވްސް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ތައިލޭންޑުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ނޮން ރެޒިޑެންޓް ސަފީރު ޗުލަމަނީ ޗާޓްސުވާން ވަނީ ދިވެހި ސަރުކާރަކީ ތައިލޭންޑާއެކު ދޭދޭ އަދި ބައިނަލްއަޤްވާމީ މައިދާނުގައިވެސް ރަގަނޅު ގުޅުމެއް ދަމަހައްޓަމުންދާ ޤައުމެއްކަން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ކުރިޔަށް ގެންދާ މައި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގައި އިންވެސްޓްކުރުމަށް ތައިލޭންޑާއި އެނޫންވެސް ބޭރުގެ ޤައުމުތަކަށް ގިނަ ފުރުސަތުތަކެއް ފަހިވެފައިވާކަމަށް ތައިލޭންޑުގެ ސަފީރު ފާހަގަކުރެއްވިއެވެ. ސަފީރުވަނީ އެންބޫދޫ ލެގޫން ޕްރޮޖެކްޓަށް އިޝާރާތްކުރައްވައި މިއީ ރާއްޖޭގައި އިންވެސްޓްކުރުމަށް ބޭރުގެ ފަރާތްތަކަށް ހުޅުވުނު ފަހި ފުރުސަތެއްކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކަށް ތައުރީފްކުރައްވައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ކުރިއަށް ގެންދާ މަޝްރޫގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ތައިލޭންޑުގެ ފަތުރުވެރިންގެ ޢަދަދު އެތައް ގުނައަކަށް އިތުރުވާނެކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާގޮތުގައި ރާއްޖޭގެ މައި އެއަރޕޯޓް ތަރައްޤީކުރަން ކުރިޔަށް ގެންދާ މަޝްރޫގެ ސަބަބުން ތައިލޭންޑުން ރާއްޖެއަށް އަންނަ މީހުން އިތުރުވެގެންދާނެ. މިހާރުވެސް ތައިލޭންޑުން ރާއްޖެއަށް 14 ފްލައިޓެއް ޑައިރެކްޓްކޮށްދަނީ ދަތުރުކުރަމުން" ސަފީރު ވިދާޅުވިއެވެ. 

ސަފީރު ވިދާޅުވީ ތައިލޭންޑާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާބެހޭ ގޮތުން ގިނަ މަޝްވަރާތަކެއް ދެޤައުމުގެ ކަމާބެހޭ ފަރާތްތަކުގެ މެދުގައި ބާއްވަމުން އަންނަކަމަށެވެ.