ސިއްހަތު

162 ސްޕެޝަލިސްޓުން ހެލްތު މިނިސްޓްރީން ހޯދަނީ


މިނިސްޓްރީ އޮފް ހެލްތުން ހިންގާ ހޮސްޕިޓަލްތަކާއި ޞިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާނެ އެކިދާއިރާތަކުން ޚާއްޞަ 162 ޑޮކްޓަރުން ހޯދަން އެމިނިސްޓްރީން އިޢުލާނުކޮށްފިއެވެ.

ދާއިމީ މަޤާމުގެ ގޮތުގައި ކަނޑައަޅާފައިވާ މިމަޤާމްތަކަށް ޑޮކްޓަރުން ހޯދަން އިޢުލާނުކޮށްފައިވާ ޚާއްޞަ ދާއިރާތަކުގެ ތެރޭގައި، އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ، ހޭނައްތާ ޑޮކްޓަރ،ކަށީގެ ބަލިތަކަށް ޚާއްޞަ ،އޮޕަރޭޝަން ޑޮކްޓަރ،ހަމުގެ ބަލިތަކަށް ޚާއްޞަ ،ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ،ނަފްސާނީ ބަލިތަކަށް ޚާއްޞަ،އަންހެނުންގެ ބަލިތަކަށް ޚާއްޞަ، ކަރުންމަތީގެ އަދި  ،ލޮލުގެ ޚާއްޞަ ޑޮކްޓަރުން ހިމެނެއެވެ.

މަގާމުގެ މުސާރައިގެ ގޮތުގައި 30،990 ރުފިޔާއާއި ސަރވިސް އެލަވަންސްގެ ގޮތުގައި 10،200 ރުފިޔާ  ކަނޑައަޅާފައިވާއިރު،  މިމަޤާމްތަކަށް ހޮވާ ޑޮކްޓަރުންނަށް އިތުރު އިނާޔަތްތަކެއް ލިބިގެންދާނެކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

މިވަޒީފާތަކަށް އެދޭ ފަރާތްތަކުން މަޤާމަށް އެދި ހުށަހަޅަން ޖެހޭ ތަކެތި މިމަހުގެ 15 ވަނަ ދުވަހުގެ 13:30ގެ ކުރިން ހުށަހަޅަން ޖެހެއެވެ.