ވިޔަފާރި

އައްޑޫސިޓީގައި ޕެކޭޖިންގ ސެންޓަރެއް ޤާއިމްކުރަނީ


އައްޑޫސިޓީގައި ޕެކޭޖިންގ ސެންޓަރެއް ހިންގާނެ ފަރާތެއް ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން އިޢުލާނުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އައްޑޫ ސިޓީގައި ޕެކޭޖިންގ ސެންޓަރެއް ޤާއިމްކުރުމަށްޓަކައި، ޕެކޭޖިންގ ސެންޓަރު ޤާއިމްކުރާނޭތަނެއް ހޯދައި އެ ޕެކޭޖިންގ ސެންޓަރު އޮޕަރޭޓްކުރަން ފަށައިގަތުމަށް ބޭނުންވާ ބައެއް މެޝިނަރީވެސް ހޯދާފައިވާކަމަށެވެ.

ޕެކޭޖިންގ ސެންޓަރު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެފަހު ތާރީހަކީ، މިހިނގާ ފެބުރުއަރީމަހުގެ 6 ވަނަ ދުވަހެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ މިކަމާއިބެހޭ މައުލޫމާތު އެމިނިސްޓްރީގެ ވެބްސައިޓްގައި ޢާއްމުކޮށްފައެވެ.

އައްޑޫސިޓީގައި ޕެކޭޖިންގ ސެންޓަރެއް ޤާއިމްކުރުމާއި ބެހޭގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން މި ވިޔަފާރިތަކަށް މާކެޓް ކުރުމުގެ ފުރުޞަތުތައް ލިބެންއޮތީ އުފައްދާތަކެތި، ރަނގަޅު ފެންވަރަކަށް ޕެކޭޖުކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށްވެސް ލިބިގެންކަމަށެވެ.

ރާއްޖޭގައި ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ވިޔަފާރިއާއި އެކިއެކި ކާބޯތަކެތި އުފައްދާ ކުދި ވިޔަފާރިތައް އަންނަނީ އިތުރުވެ ތަރައްޤީވަމުންނެވެ. އެހެންކަމުން މިތަކެއްޗަށް ރަނގަޅު މާކެޓެއް ހޯދައިދީ ވިޔަފާރިތައް އިތުރަށް ތަރައްޤީކުރުމަށް ޕެކޭޖިންގ ސެންޓަރެއް ޤާއިމްކުރަން ވަރަށް މުހިއްމުކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އައްޑޫސިޓީގައި ޕެކޭޖިންގ ސެންޓަރެއް ޤާއިމްކޮށް ޚިދުމަތްދެވެން ފެށުމުން ތައްޔާރުކޮށްފައިވާ ކާބޯތަކެތީގެ ބާވަތްތައް ޕެޓް ފުޅިއާއި ބިއްލޫރި ފުޅީގެ އިތުރުން މެޓަލައިޒް ޕައުޗް ގައި ޕެކޭޖް ކުރެވޭނެއެވެ.

އަދި އުފައްދާ ތަކެތި ބްރޭންޑް ކުރުމާއި މާކެޓް ކުރުމާއި ގުޅޭގޮތުން ތަފާތު އެކި މަޢުލޫމާތު ފޯރުކޮށްދިނުމާއި، ޚިދްމަތް ލިބިގަތުމަށް އަންނަ ފަރާތްތަކަށް، އެފަރާތްތަކުގެ އުފެއްދުންތަކުގައި ލޭބަލް ކުރުމުގެ ޚިދްމަތް ފޯރުކޮށްދެވޭނޭކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.