ޚަބަރު

ކެންސަރު ދުވަހާއި ގުޅުވައިގެން ދިއްގަރުގައި ޚާއްޞަ ޙަރަކާތްތަކެއް


ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން މ.ދިއްގަރުގައި ޚާއްޞަ ޙަރަކާތްތަކެއް ބާއްވައިފިއެވެ.

މި ޙަރަކާތުގެތެރެއިން ދިއްގަރު ސްކޫލްގެ ހުރިހާ ދަރިވަރުންނަށާއި، މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އަދި އާންމު ރައްޔިތުންނަށް ޚާއްޞަކޮށްގެންވަނީ ކެންސަރު ބައްޔަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ބާއްވާފައެވެ. އަދި އާންމުކޮށް ހުޅުވާލައިގެން ޚާއްޞަ ހަވީރެއްވެސް ވަނީ ބާއްވާފައެވެ. މި ހަވީރުގައި ކެންސަރުބައްޔާބެހޭ މައުލޫމާތާ،ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތުކުރުމުގެ މުހިންމުކަމުގެ މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން  މ.އަތޮޅުގެ ހުރިހާ ރަށަކަށް ޢަމާޒުކޮށް އަނގައިގެ ކެންސަރާއި އުރަމަތީގެ ކެންސަރ ސްކްރީންކުރުމުގެ ޕްރޮގްރާމެއްވެސް މިމަހުގެ 15 އިން 17 އަށް ދިއްގަރުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިއީ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ތެރެއިން މަދަނީ ޖަމިއްޔާތަކާ ގުޅުން އިތުރަށް ބަދަހިކޮށް މިފަދަ ދުވަހެއް ފާހަގަކޮށް މުޖުތަމައަށް ފޯރޮކޮށްދޭ އެހީތެރިކަން އިތުރުކުރުމުގެ ގޮތުން ބޭންކުން ކުރިއަށްގެންދިޔަ ހަރަކާތްތަކެކެވެ.

ކެންސަރަށް ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި "ޕިންކް ރިބަން ރަން- ވޯކް" މިއަހަރުގެ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މިދިޔަ އަހަރުވެސް މި ހަރަކާތްވަނީ މުޅި ރާއްޖެ ޝާމިލްވާގޮތަށް ބާއްވާފައެވެ.