ވިޔަފާރި

މާލޭ ސްކޮޔަރގައި އެސްޓީއޯގެ އިލެކްޓްރޯނިކް ޝޯރޫމެއް ހުޅުވައިފި


އެސްޓީއޯއިން އިލެކްޓްރޯނިކް އާލާތްތަކަށް ޚާއްޞަ ޝޯރޫމެއް މާލޭ ސްކޮޔަރގައި ހުޅުވައިފިއެވެ.

އެސްޓީއޯ އިލެކްޓްރޯނިކް ޝޯރޫމް ރަސްމީކޮށް ހުޅުއްވައިދެއްވީ، އެސްޓީއޯގެ ޗެއަރމަން ޙުސައިން ސާލިމެވެ.

މާލޭ ސްކޮޔަރގައި ހުޅުވި މި ޝޯރޫމާއި ބެހޭގޮތުން ވާހަކަދައްކަވަމުން އެސްޓީއޯގެ ޗެއަރމަން ޙުސައިން ސާލިމް ވިދާޅުވީ، އެސްޓީއޯގެ ސިޔާސަތަކީ ދިވެހި ރައްޔިތުންނަށް ބޭނުންވާނޭ ޚިދުމަތްތައް ރައްޔިތުން އެދޭފަދަ ގޮތަކަށް ފޯރުކޮށްދެމުން ގެންދިއުންކަމަށެވެ.

އެސްޓީއޯ އިލެކްޓްރޯނިކް ޝޯރޫމުގައި، އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ބްރޭންޑްތަކުގެ ގިނަ އުފެއްދުންތައް ލިބެން ހުރެއެވެ. މީގެ ތެރޭގައި ފިލިޕްސް، ހިޓާޗީ، ބްރޭންޑުގެ އިތުރުންވެސް ތަފާތު އެކިއެކި ބްރޭންޑުތަކުގެ އުފެއްދުންތައް ހިމެނެއެވެ.

އެސްޓީއޯގެ ޗެއަރމަން ސާލިމް ވިދާޅުވީ، އެސްޓީއޯ އިލެކްޓްރޯނިކް ޝޯރޫމުން ގޭގެއަށް ބޭނުންވާ އިލެކްޓްރޯނިކްގެ ހުރިހާ ސާމާނެއް ލިބެންހުންނާނެކަމަށެވެ. ކުރިއަށްއޮތްތަނުގައި އެސްޓީއޯ އިލެކްޓްރޯނިކް ޝޯރޫމުން ޑެލިވަރީގެ ޚިދުމަތް ތައާރަފްކުރަން ނިންމާފައިވާކަން ސާލިމް ފާހަގަކުރެއްވިއެވެ.

" އެސްޓީއޯއިން ދަނީ މިއިން ޒަމާނަކުވެސް ނުހޯދާވަރުގެ ކުރިއެރުންތަކެއް ހޯދަމުން. މިގޮތުން 25000 ޓަނުގެ ތެޔޮ ޓޭންކަރެއް ރާއްޖެ ގެނައުމަކީ މި ފަހަކުން އެސްޓީއޯއިން ކުރި އެންމެ ފާހަގަކޮށްލެވޭ މަސައްކަތް. އެސްޓީއޯގެ އެންމެ މުހިންމު އެއް މަޤްސަދަކީ ރައްޔިތުންނަށް ކައިރިން ފަސޭހަކަމާއިއެކު ހެޔޮއަގުތަކެއްގައި ހިދުމަތްތައް ކޮލިޓީ ރަނގަޅު ތަކެތި ފޯރުކޮށްދިނުން. އެސްޓީއޯގެ ޗެއާމަން ހުސައިން ސާލިމް ވިދާޅުވިއެވެ.

އެސްޓީއޯ އިލެކްޓްރޯނިކް ޝޯރޫމް ހުޅުވުމާއިއެކު ޝޯރޫމުން ވަނީ ޚާއްޞަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ.

 "ހެލޯ އިލެކްޓްރޯނިކް" ޕްރޮމޯޝަނުގެ ދަށުން ކުރިއަށްއޮތް ތިރީސްދުވަހުގެ ތެރޭގައި ޝޯރޫމުން ގަންނަ މުދަލަކަށް %15 ޑިސްކައުންޓް ލިބޭނޭކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް އެސްޓީއޯ އިލެކްޓްރޯނިކް ޝޯރޫމުން 25،000 ރުފިޔާގެ އަގުހުރި ސާމާނު ގަތުމުގެ ފުރުޞަތު ލިބިގެންދާނޭކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.