ޚަބަރު

ރިޝްވަތުގެ ތުހުމަތުގައި ޑީޖޭއޭގެ ހަސަން ސައީދު ހޯދަނީ


ރިޝްވަތުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހައްޔަރުކުރުމަށް އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. 

ފުލުހުން ނެރުނު އަމުރެއްގައިވަނީ ފުލުހުންނަށް ހުށައެޅުނު ރިޝްވަތުގެ މައްސަލައެއްގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހޯދަމުން ގެންދާކަމަށް. އަދި މި މައްސަލަ މިހާތަނަށް ބެލިބެލުމުން މާލޭގައި އިމާރާތްކޮށްފައިވާ ކޮމަރޝަލް ހައުސިން އެޕާރޓްމަންޓް ޕްރޮޖެކްޓެއްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުން ފްލެޓެއް ގަތުމަށް ދާދިފަހުން ކޮށްފައިވާ މުޢާމަލާތެއްގެ ކިތާބީ ހެކ ހިމެނޭގޮތުން ރިޝްވަތުގެ މުޢާމަލާތްތަކެއްގައި ބައިވެރިވެފައިވާކަމުގެ ކިތާބީ ހެކި ލިބިފައިވާކަމަށެވެ. 

އަދި ފުލުހުން ހުށައެޅީފައިވާ މައްސަލައާއި ގުޅިގެން ހޯދުނު ހޯދުންތަކުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމްކޯޓްގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ދެ ބޭފުޅަކުވެސް ފްލެޓް ގަތުމަށް މުއާމަލާތުތަކެއްކޮށްފައިވާކަމުގެ ކިތާބީ ހެކި ލިބިފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ. އަދި މިކަމުގެ މައުލޫމާތު ސާފުކުރަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ. 

ހަސަން ސައީދު ހައްޔަރުކުރުމަށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފައިވާއިރު އެނާ ދިރިއުޅުއްވާ ގެއަށް ފުލުހުން މިއަދު ހެދުނުވަދެ ދަނީ ބަލާފާސްކުރަމުންނެވެ.