ސިއްހަތު

ކެންސަރު ބަލިން ސަލާމަތްވުމާބެހޭ ޚާއްސަ ކެންޕެއިނެއް ފަށައިިފި


ކުރިޔަށް އޮތް އަހަރާ ހަމަޔަށް ކެންސަރު ބަލި ކޮންޓްރޯލްކުރުމަށް ވަކިވަކި ފަރުދުންނާއި ސަރުކާރު އޮފީސްތަކާއި ޖަމްޢިއްޔާ ޖަމާޢަތްތައް އެކުގައި މަސައްކަތްކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރިޔަށް ގެންދާ ޚާއްސަ ކެންޕެއިނެއް މޯލްޑިވްސް ކެންސަރ ސޮސައިޓީއިން ފަށައިފިއެވެ. 

ދުނިޔޭގެ ކެންސަރު ބައްޔާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 4ވަނަ ދުވަހުއެވެ. މިއަހަރުގެ މިދުވަސް ފާހަގަކުރުމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ކުރިޔަށް ގެންދާ ކެންޕެއިން ރަސްމީކޮށް ފަށާފައިވަނީ ރަސްރަނި ބަގީޗާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް އަންނަ އަހަރުގެ ދުނިޔޭގެ ކެންސަރު ބައްޔާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ހަމައަށް ކުރިޔަށް ގެންދާނެއެވެ. މިކެންޕޭނަކީ ޔޫނިއަން ފޮރ އިންޓަރނޭޝަނަލް ކެންސަރ ކޮންޓްރޯލް )ޔޫ.އައި.ސީ.ސީ( އިން މިއަހަރުގެ މިދުވަހަށް ޚާއްސަކޮށްފައިވާ ބައިނަލްއަޤްވާމީ ކެންޕެއިނާ، ތީމް "ވީ ކޭން، އައި ކޭން"ގެ ދަށުން ރާއްޖޭގައި ކުރިޔަށް ގެންދާ ހަރަކާތްތަކެކެވެ.

"އަހަރުމެންނަށް ވާނެ، މަށަށް ވާނެ" ތީމްގެ ދަށުން ކެންސަރު ބަލި ކޮންޓްރޯލްކުރުމަށް ވަކިވަކި ފަރުދުންގެ ޙައިސިއްޔަތުންނާއި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަޚާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން އެކުގައި ކުރެވޭނެ ކަންތައްތައް ޕްރޮމޯޓްކުރުމަށް ކުރިޔަށް ގެންދާ ކެންޕެއިނެކެވެ.

ރަސްރަނި ބަގީޗާގައި ކުރިޔަށް ގެންދިޔަ ހަރަކާތުގައި ވަނީ ސަރުކާރު އޮފީސްތަކާއި އަމިއްލަ ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި ވަކިވަކި ފަރުދުންނަށް، ކެންސަރު ބަލިން ސަލާމަތްވުމަށާއި، އެބައްޔަށް ހޭލުންތެރިވުމަށާއި ބަލިޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ކުރެވިދާނެ ކަންކަން ކަނޑައަޅައި ހާމަކޮށްފައެވެ.

"އަޅުގަނޑުމެން ބޭނުންވީ (އައި ކޭން ވީ ކޭން)ގެ ދަށުން ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރިޔަށް ގެންދެވޭނެ ޕްލެޖްތަކެއް ތަޢާރަފްކުރަން. އެއީ ކެންސަރު ބަލި ކޮންޓްރޯލްކުރުމަށް މަލްޓި ސެކްޓޯރަލްކޮށް، އަދި އަމިއްލަ ފަރުދީ ގޮތުންވެސް ކުރެވިދާނެ ކަންތައްތައް ފާހަގަކުރަން. މިސާލަކަށް ސްކޫލްކުން ކުރެވިދާނެކަމެއް، އޮފީހަކުން ކުރެވިދާނެކަމެއް، އަމިއްލަ ފަރުދަކަށް ކުރެވިދާނެކަމެއް، ކުންފުނިތަކުން ކެންސަރު ބަލި ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަންތައްތައް ޕްރޮމޯޓްކުރަން. ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯލްޑް ކެންސަރ ޑޭ މިއަހަރު ފާހަގަކުރާނަން، މިނިސްޓްރީ އޮފް ހެލްތް އަދި އެޑިއުކޭޝަނާ ގުޅިގެން. އަޅުގަނޑުމެން ބޭނުންވަނީ މި މެސެޖްދޭން. ކެންސަރު ބައްޔަކީ މަރުބައްޔެއް ނޫންކަން، ކުރިޔާލާ ދެނެގަނެވިއްޖެނަމަ މިބަލިން ސަލާމަތް ވެވޭނެ ބައްޔެއްކަން އަންގަން." ހުސެން ރަޝީދު ވިދާޅުވިއެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ބުނީ އެމީހުންގެ އަމާޒަކީ މިއަދު އެކި ފަރާތްތަކުން ވި ވައުދުތައް ތަންފީޒްކޮށް، އޮފީސްތަކާއި ޢާންމުން އެއްވެ އުޅޭ ކޮންމެ ތަނެއްގައިވެސް ރައްކާތެރި މާހައުލެއް ޤާއިމްކުރުންކަމަށެވެ. އަދި މިހަފްތާ ތެރޭގަވެސް، އަދި އަހަރުގެ އެކި ދުވަސްވަރުވެސް ކެންސަރު ބައްޔާ ދެކޮޅަށް މަސައްކަތްކުރާ ފާހަގަކުރުމުގެ އެކިއެކި ހަރަކާތްތައް މިނިސްޓްރީ އޮފް ހެލްތާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިޔަށްދާނެކަމަށެވެ. އަދި ކެންސަރ ބަލި ހުއްޓުވުމަށް ކުރިޔަށް ގެންދާ ކެންޕެއިންގެ އެކި ބައިތައް މިއަހަރު ކުރިޔަށް ގެންދާނެކަމަށްވެސް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ބުނިއެވެ.