ޚަބަރު

މަސްތުވާތަކެތީގެ މައްސަލަތައް 13.6 އިންސައްތަ މައްޗަށް





 


2013 ވަނަ އަހަރުގެ ފުރަތަމަ 04 މަސް ދުވަހު ފުލުހުންނަށް ހުށަހެޅުނު މަސްތުވާތަކެތީގެ މައްސަލަތަކަށް ވުރެ 2014 ވަނަ އަހަރުގެ ފުރަތަމަ 04 މަސްދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ މަސްތުވާ ތަކެތީގެ މައްސަލަތައް 13.6 އިންސައްތައަށް އިތުރު ވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.


 
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން 2013 ވަނަ އަހަރުގެ ފުރަތަމަ 04 މަސްދުވަހު ފުލުހުންނަށް ހުށަހެޅިފައިވަނީ މަސްތުވާތަކެތީގެ އެއްހާސް ދުއިސައްތަ އެގާރަ މައްސަލައެކެވެ. އެއާ ޚިލާފަށް މި އަހަރުގެ ފުރަތަމަ 04 މަސްދުވަހު މަސްތުވާތަކެތީގެ އެއްހާސް ހަތަރު ސަތޭކަ ދެ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވެއެވެ.


 
2013  ވަނަ އަހަރުގެ ޖެނުއަރީމަހު މަސްތުވާތަކެތީގެ 295 މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވާއިރު، ފެބުރުއަރީ މަހު 272 މައްސަލައެއް ހުށަހެޅިފައިވެއެވެ. އަދި މާރޗް މަހު 323 މައްސަލައެއް ހުށައެޅިފައިވާއިރު، ހަމަ އެ އަހަރުގެ އެޕްރީލް މަހު 321 މައްސަލައެއް ވަނީ ފުލުހުންނަށް ހުށައަޅާފައެވެ.


 
މި އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު ފުލުހުންނަށް ހުށައެޅުނު މަސްތުވާތަކެތިގެ މައްސަލަތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހު މަސްތުވާތަކެތީގެ 461 މައްސަލައެއް ފުލުހުންނަށް ވަނީ ހުށައަޅާފައެވެ. އަދި ފެބްރުއަރީ މަހު 266 މައްސަލައެއް ހުށައަޅާފައިވާއިރު، މި އަހަރުގެ މާޗް މަހު މަސްތުވާތަކެތީގެ 372 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. މިއަހަރުގެ އޭޕްރީލް މަހު މަސްތުވާތަކެތީގެ 302 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވެއެވެ.