ޚަބަރު

"އަމުރު ތަންފީޒު ކުރުމަށް މިދަނީ އިޖުރާޢަތްތައް ފުރިހަމަކުރަމުން"


އިއްޔެ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމާގުޅޭގޮތުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސައިދާ މަޝްވަރާ ކުރައްވާފައިވާ ކަމަށް، އުއްތަމަ ފަނޑިޔާރުގެ ލަފާފުޅާއެކު އެމަސައްކަތް ކުރިއަށްދާކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު މުޙަންމަދު އަނިލް ވިދާޅުވެއްޖެއެވެ. 

ސަރުކާރުން ސުޕްރީމްކޯޓުގެ އަމުރު ތަންފީޒުކުރުމަށް ކުރަމުންދާ މަސައްޖކަތްތަކާބެހޭގޮތުން މަޢުލޫމާތުދިނުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަނިލް ވިދާޅުވީ، އުއްތަމަ ފަނޑިޔާރު ލަފާދެއްވާފައިވަނީ ޑިއު ޕްރޮސެސްގެ ތެރެއިން މި އަމުރު ތަންފީޒުކުރުމަށެވެ. 

އަނިލް ވިދާޅުވީ، ސުޕްރީމްކޯޓުގެ އަމުރުގައި ދޫކޮށްލަން އަންގާފައިވާ މީހުންނަކީ ޖިނާޢީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ޙުކުމް ތަންފީޒުކުރަމުންދާ ބަޔަކަށްވާތީ، އެމީހުންގެ މައްސަލަތައް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ދިރާސާކޮށް ޤާނޫނީގޮތުން އެކަމުގައިހުރި ކަންކަން ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށްވެސް ބަންޑާރަނާއިބު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދާކަން ސަރުކާރުންވަނީ މިއަމުރު ނެރުމާއެކުވެސް ހާމަކޮށްފައެވެ. އަދި އެކަމަށްތަކައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމާއި، ޤައުމުގެ ހަމަޖެހުމާއި ސުލްޙަމަ މަސަލަސްކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން ދަނީ އަޅަމުންނެވެ.