ޚަބަރު

"އަމުރު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން މިދަނީ ކުރަމުން"


ސުޕްރީމްކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރުވަނީ މިކަން ޙާމަކުރައްވާފައެވެ. އަދި މިދަނޑިވަޅުގައި އެންމެހާ ދިވެހިރައްޔިތުން ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމާއި، ސުލްޙަޔަށް މަސައްކަތްކުރުމަށްވެސް ޑިފެންސް މިނިސްޓަރު ގޮވާލެއްވިއެވެ. އަދި އެންމެން ގުޅިގެން ރާއްޖޭގެ ސުލްޙަޔާއި ހަމަޖެހުމަށް މަސައްކަތްކުރުމަށް ޑިފެންސް މިނިސްޓަރު ގޮވާލައްވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛު މުޙަންމަދު އަނިލް ވިދާޅުވީ، ސުޕްރީމްކޯޓުގެ އަމުރުގެ ޞައްޙަކަމާމެދު ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމުގެ މަސައްކަތް ސުޕްރީމްކޯޓާއެކު ދިވެހި ސަރުކާރުން ކުރަމުންދާކަމަށެވެ. އެހެންނަމަވެސް އެ އަމުރާގުޅޭގޮތުން ސުޕްރީމްކޯޓުން ރަސްމީގޮތުންވެސް އަދި އެހެން ގޮތަކުންވެސް އެއްވެސް މަޢުލޫމާތެއް އަދި މިހާތަނަށް ލިބިފައިނުވާކަމަށްވެސް ބަންޑާރަނާއިބު ވިދާޅުވިއެވެ.

އަދި ޤައުމަށް ދިމާވެފައިވާ މި ޚުޠޫރަތްތެރި ދަނޑިވަޅުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފާ ފޯނުން ގުޅަން ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅު ކުރައްވައި އަރީފަށް ގުޅޭގޮތްވެފައިނުވާތީ، ފުލުހުންގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެދަށުން އަރީފް މަޤާމުން ވަކިކުރައްވާފައިވާކަމައި، އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް ކަމުގެ މަޤާމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާކަން ވެސް ބަންޑާރަނާއިބުވަނީ ހާމަކުރައްވާފައެވެ.