ވިޔަފާރި

މިދިޔަ ކުއާޓަރުގައި އެމްޓީޑީސީގެ ސާފްފައިދާ 7.5 މިލިއަން ރުފިޔާ


މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓަރުގައި އެމްޓީޑީސީއަށް ސާފްފައިދާގެ ގޮތުގައި 7.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީން) ނެރެ އާއްމުކޮށްފައިވާ 2017 ވަނަ އަހަރުގެ 4ވަނަ ކުއާޓަރުގެ މާލީ ބަޔާނަށް ބަލާއިރު، ޓެކްސްއަށް ކެނޑުމުގެކުރިން އެމުއްދަތުގައި ސާފްފައިދާގެ ގޮތުގައި ލިބިފައިވަނީ، 489،010 (ހަތަރުސަތޭކަ އަށްޑިހަ ނުވަހާސް ދިހަ ޑޮލަރެވެ. ދިވެހި ފައިސާއިން ބަލާނަމަ އެއީ 7.5 މިލިއަން ރުފިޔާއެވެ.

މި މުއްދަތުގައި އެމްޓީޑީސީއަށް ލިބުނު ޖުމްލަ އާމްދަނީ އުޅެނީ، 1.2 މިލިއަން ޑޮލަރު، ނުވަތަ 18.4 މިލިއަން ރުފިޔާގައެވެ.

އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން ދެހާސް ހަވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ. އެމްޓީޑީސީގެ ވިޔަފާރިއަށް ބަލާއިރު، މިހާރު އެންމެ ފާހަގަކޮށްލެވެނީ ހދ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ނާގޯށީގެ މަސައްކަތެވެ.

މިދިޔަ އަހަރު ސަރުކާރުން ވަނީ ހދ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުންދާ ނާގޯށި އިތުރު 50 އަހަރަށް އެމްޓީޑީސީއަށް ދީފައެވެ. މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެމްޓީޑީސީއަށް އަލުން 50 އަހަރަށް ހދ.ނާގޯށި ސަރުކާރުން ދީފައިމިވަނީ، އެރަށާއި ގުޅޭގޮތުން އެމްޓީޑީސީއާއި ސަރުކާރާއި ދެމެދު ކުރިއަށްދިޔަ މުޢާމަލާތްތަކަށްފަހުއެވެ.

ސަރުކާރުން މި ރަށް އަލުން އެމްޓީޑީސީއަށް ދިނުމުގެ މައިގަނޑު ސަބަބަކީ ސައްތައިން ސައްތަ ދިވެހި ކުންފުންޏަކަށް ދިނުމުގެ އިތުރުން މިރަށުގެ މަންފާ ދިވެހިންނަށް ސީދާގޮތެއްގައި ހޯދައިދިނުމެވެ.