ޚަބަރު

ބޭސް ފެކްޓްރީއެއް ޤާއިމުކުރުމުގެ ވިސްނުން އެބަހުރި - މިނިސްޓަރ


ރާއްޖޭގައި ބޭސް އުފައްދާ ފެކްޓްރީއެއް ޤާއިމުކުރުމުގެ ވިސްނުންފުޅު އެބަހުރިކަމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ނާރސިންގ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ސިއްޙީ ދާއިރާއަށް ބޭނުންވާ މިފަދަ މުހިއްމު ކަންކަން އަދިވެސް އެބަހުރިކަމަށެވެ. 

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ނާރސިންގ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި ބޭސް އުފައްދާ ފެކްޓްރީއެއް ތަރައްޤީކުރުމުގެ ވިސްނުންފުޅު އެބަހުރިކަމަށާއި މިއަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ނުވާނެކަމަށް ބުނި އެތައްކަމެއް ފާއިތުވި އަހަރުތަކުގައި ފަށާފައިވާކަމަށާއި ބައެއް މަސައްކަތް މިހާރު ނިމިފައިވެސް ވާކަމަށެވެ. ބޭސް އުފައްދާ ފެކްޓްރީގެ މަސައްކަތްވެސް ނުކުރެވޭނެކަމަށް ބުނާނެ މީހުން ތިބޭނެކަމަށް ޤަބޫލުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

"އަދިވެސް ހެލްތް ސެކްޓަރއަށް ބޭނުންވާ ކަންކަން އެބަހުރި. ކީއްވެތޯ ރާއްޖޭގައި ބޭސް އުފައްދާ ފެކްޓްރީއެއް އެޅުމުގެ ޚިޔާލުނުކުރަންވީ. މި ޚިޔާލުވެސް ކޮންމެ ހިސާބަކުންކުރަން އެބަޖެހޭ. މި ވިސްނުމާ މެދުވެސް އުންމީދީ ނަޒަރަކުން ދެކޭނެ ބަޔަކުވެސް ތިބޭނެ، އަދި ގޮންޖެހުމެއް ކަމަށް ދެކި ނުވެދާނެކަމަށް ދެކޭނެ ބަޔަކުވެސް ތިބޭނެ." ހެލްތު މިނިސްޓަރު ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު ވަނީ ނަރުހުންގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.  މިނިސްޓަރ ވިދާޅުވީ ސިއްޙީދާއިރަގައި އެންމެ ފާހަގަކޮށްލެވޭ އެއް ޑިޕާޓްމަންޓަކީ ނަރުހުންގެ ދާއިރާކަމަށެވެ. ނަރުހުން މިހާރު ހޯދާފައިވާ ކުރިއެރުންތައް އިތުރުކޮށް ފުޅާކުރުމަށް އެމްއެންޔޫގައި ޤާއިމްކުރާ ނަރސިންގ ސްކޫލްއަކީ އެކަމަށް އިތުރުވެގެންދިޔަ ބޮޅެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެމްއެންޔޫގައި ޤާއިމްކުރާ ނަރސިންގ ސްކޫލްގައި އިތުރު ނަރުހުން އެކި ދާއިރާތަކުން ސްޕެޝަލައިޒް ވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މިހާރު އެޔުނިވަރސިޓީގައި ނަރުހުން ސްޕެޝަލައިޒްވަނީ ހަމައެކަނި ކްރިޓިކަލް ކެއަރ އާއި މިޑްވައިފަރީ ދާއިރާއިން އެކަންޏެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި ޖާގަ އިތުރުކޮށް އެކި ރަށްރަށަށް ބޭނުންވާ ސްޕެޝަލިސްޓް ނަރުހުން ތަމްރީންކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދިޔުމަށް މަސައްކަތްކުރާކަމަށް އެޔުނިވަރސިޓީން ބުނެއެވެ.