ޚަބަރު

ބަރލިން ފެއާއަށް ދާ ދިވެހިންނަށް ރާއްޖެއިން ވިސާ ދޫކުރަނީ


މިއަހަރުގެ އައިޓީބީ ފެއާއަށް ދާން ބޭނުންވާ ދިވެހިންނަށް ޖަރުމަނުވިލާތަށް ދިއުމަށް ބޭނުންވާ ވިސާ، ރާއްޖޭގެ ފޮރިން މިނިސްޓްރީން ދޫކުރާގޮތަށް ހަމަޖައްސައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ވިސާ ހެއްދުމަށް އެޕޮއިންޓްމެންޓް ހަމަޖެއްސުމުގެ ފުރުޞަތު މިހާރު އޮންލައިންކޮށް ހުޅުވާލާފައިވާކަމަށެވެ. ވިސާ ހެއްދުމަށް އެޕޮއިންޓްމަންޓަށް އެދުމުގެ އެންމެފަހު ތާރީޚަކީ އަންނަ ހޯމަަ ދުވަހެވެ.

ފޮރިން މިނިސްޓްރީން ބުނީ ވިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ބުދަދުވަހުން ފެށިގެން ފެބުރުއަރީމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޖަރުމަނުވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ޖަމީލާ ޢަލީ ވިދާޅުވީ، އައިޓީބީ ފެއާއަށް ދާ މީހުންނަށް ކޮލަމްބޯއަށް ނުގޮސް ވިސާ ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ، ފެއާއަށް ދާ މީހުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމަށް ދިވެހި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން ކުރި ބުރަ މަސައްކަތްތަކަކަށްފަހުކަމަށެވެ.

ސަފީރު ވިދާޅުވީ، ޖަރުމަނުވިލާތުގެ ބަރލިންގައި މިދިޔަ އަހަރު ބޭއްވި އައިޓީބީ ފެއާގައި ދިވެހިރާއްޖެއިން ބައިވެރިވި ވިޔަފާރިވެރިންނާއި އެނޫންވެސް ފަރާތްތަކުން ޖަރުމަނަށް ދިއުމަށް ވިސާ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދުމުގެ މުހިއްމުކަން ފާހަގަކޮށްފައިވާކަމަށެވެ.

މީގެ ކުރިން އައިޓީބީފެއާއަށް ޖަރުމަނުވިލާތައް ދިއުމަށް ބޭނުންވާ ފަރާތްތަކުން ވިސާ ނެގުމަށް ދާންޖެހެނީ އަވައްޓެރި ސްރީލަންކާއަށެވެ. މިގޮތުން ސްރީލަންކާއަށް ގޮސް މަދުވެގެން ދެ ދުވަސް ހޭދަކުރަންޖެހެއެވެ.

ކޮލަމްބޯއަށް ދާން ނުޖެހި ރާއްޖޭގެ ފޮރިން މިނިސްޓްރީން ޖަރުމަނުވިލާތައް ދިއުމަށް ވިސާ ނެގުމުގެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ އައިޓީބީ ފެއާއަށް ދާ ވިޔަފާރިވެރިންނަށް ލިބިގެންދިޔަ ވަރަށްބޮޑު ލުއިފަސޭހައެއްކަމަށް ޖަރުމަނު ވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެއެވެ. އަދި ވިސާ ހޯދުމަށް ކުރަންޖެހުނު ޚަރަދު އެތައްތަނެއް ކުޑަވެގެން ދިއުމާއި ވިސާ ހޯދުމަށް ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދިއުމަކީ ވިޔަފާރިތަކަށް މިކަމުގައި ލިބިގެންދާނެ އެންމެބޮޑު ހިތްހަމަ ޖެހުންކަމަށް ސަރުކާރުން ބުނެއެވެ.