ކުޅިވަރު

މުއީނާ ބަލިކޮށް، ރަފާ ޤައުމީ ޗެމްޕިއަންކަން ދިފާއުކޮށްފި


ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ސިންގަލްސް ޗެންޕިއަންކަން އައިޝަތު ރަފާ ނާޒިމް ދިފާއުކޮށްފިއެވެ. 

ރަފާ ޗެންޕިއަންކަން ދިފާއުކުރީ އަނިޔާއަށް ފަހު އެނބުރި ކުޅުމުގެ ތެރެއަށް އައި ކުރީގެ ޗެމްޕިއަން މުއީނާ މުހައްމަދާ ވާދަކޮށް ކުރި ހޯދައިގެންނެވެ. ދެހާސް ސޯޅަ ވަނަ އަހަރު ރަފާ ފުރަތަމަ ޤައުމީ ޗެމްޕިއަންކަން ހޯދީވެސް މުއީނާ ބަލިކޮށްގެންނެވެ. މިފަހަރުގެ މުބާރާތާ މުއީނާ ކުރިމަތިލީ އަހަރެއްހާ ދުވަހު އަނިޔާގައި ހޭދަކުރުމަށްފަހުއެވެ.

 ފުރަތަމަ ޑިވިޝަންގެ ސިންގަލްސް ފިރިހެން ޗެމްޕިއަންކަން ހޯދީ މޫސާ މުންސިފެވެ. މުންސިފް އަހުމަދު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މުހައްމަދު ޒީސްތު ނަސީމާ ވާދަކޮށް ކުރި ހޯދައިގެންނެވެ. މިއީ މުންސިފް މުބާރާތް ކާމިޔާބުކުރި އަށްވަނަ ފަހަރެވެ. 

އެއްވަނަ ޑިވިޝަންގެ ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަންވެސް މުންސިފް ވަނީ ހޯދާފައެވެ. އޭނާ ޗެމްޕިއަންކަން ހޯދީ އަލީ އާދަމް މަނިކާއެކު ޕެއަރގައި މުހައްމަދު ޒީސްތު ނަސީމާއި މުހައްމަދު ޝައްފާންގެ ޕެއަރ ބަލިކޮށްގެންނެވެ. ފުރަތަމަ ޑިވިޝަންގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތު ރަފާ ނާޒިމްއާއި ލައިސާ ފަތުހުﷲއެވެ. އެދެކުޅުންތެރިން ފައިނަލްގައި ވާދަކުރީ ފާތިމަތު ޖުމާނާ ނިމާލްއާއި މަރިޔަމް ޝަފީޤް ގެ ޕެއާއާއެވެ. 

ފުރަތަމަ ޑިވިޝަންގެ އަންހެން ޓީމް އިވެންޓްގެ ބައިން ޗެންޕިއަންކަން ހޯދީ ހިންނަވަރު ހައިނަސްއެވެ. ފައިނަލްގައި އެޓީމް ވާދަކުރީ ޓީރެކްސްއާއެވެ. މުބާރާތް ނިމޭނީ މިރެއެވެ.