ޚަބަރު

ޚިޔާނާތުގެ ކުށްސާބިތުވެ އުގޫފާރޫ ދާއިރާގެ މެމްބަރު އަރުވާލަން ހުކުމްކޮށްފި





 


ހިޔާނާތުގެ ކުށްސާބިތުވެ ރައްޔިތުން މަޖްލީހުގެ އުގޫފާރޫ ދާއިރާގެ މެމްބަރު އިބްރާހިމް އަމީން ހަތަރު އަހަރާއި ހަމަސް ދުވަހަށް އަރުވާލުމަށް ކުރިމިނަލްކޯޓުން ހުކުމްކޮށްފިއެވެ.


 
އިބްރާހިމް އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ދައުވާގައި ބުނެފައިވަނީ އެނާ އުގޫފާރު އޮފީހުގެ ފައިސާ ބެލެހެއްޓި ދުވަސްވަރު އެރަށު އިންޖީނުގެއިން ރަށު އޮފީހަށް ދެއްކި ފައިސާއާއި ހަވާލްވެ އޭގެ ތެރެއިން ތިރީސް ހަހާހަށްވުރެ ގިނަ ރުފިޔާއަށް ވީ ނުވީގޮތް ނޭގި ގެއްލިފައިވާކަމަށެވެ. މި މައްސަލަ ނިންމާ ކުރިމިނަލްކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ އެ ފައިސާއަށް ހިޔާނާތްތެރިވެފައި ނުވާނެކަމަށް އަމީން ބުނި ނަމަވެސް އެ ފައިސާ މަދުވެފައިވާކަމަށާއި އެ ފައިސާއަށް ވީނުވީގޮތެއް ބުނެދޭން ނޭގޭކަމަށް އެނާ އެސީސީގެ ތަހްގީގުގައާއި ޝަރީއަތުގައި އިއުތިރާފްވެފައިވާކަމަށެވެ. އަދި އެސީސީން އެކުލަވާލި ރިޕޯރޓަކީ ސައްހަ ރިޕޯރޓެއް ނޫންކަމަށް ބުނާއިރު އެކަން ޝަރީއަތުގައި ސާބިތުކޮށްދެވިފައި ނުވާތީ އަމީންގެ އިއުތިރާފްގެ މައްޗަށް ބިނާކޮށް ހިޔާނާތްތެރިވުމުގެ ކުށުން އޭނާ ކުށްވެރިވެއްޖެކަމަށް ކަނޑައަޅާކަމަށްވެސް ކުރިމިނަލްކޯޓްގެ ހުކުމްގައިވެއެވެ.


 


އަދި މި ކުށުގެ އަދަބެއްގެ ގޮތުން ހަ މަސްދުވަހަށް އަރުވާލުމަށާއި ހިޔާނާތްތެރިވެފައިވާ ފައިސާއަކީ ދިހަ ހާސްރުފިޔާއަށްވުރެ މަތީ އަދަދެއްކަމުން ތިން އަހަރަށް އަރުވާލުމަށާއި އެ ފައިސާ ހަވާލްވެ އެ ފައިސާއަށް ވީގޮތް ނޭގޭކަމަށް ބުނާތީ އެއްއަހަރަށް އަރުވާލުމާއެކު މުޅި ޖުމްލަ ހަތަރު އަހަރާއި ހަމަސް ދުވަހަށް އަރުވާލުމަށް ހުކުމްކުރާކަމަށްވެސް ދަށުކޯޓްގެ ނިންމުމުގައިވެއެވެ. މީގެއިތުރުން އަމީން ހިޔާންތެރިވެފައިވާ ތިރީސް ހަހާސް އަށްސަތޭކަ އަށާރަ ރުފިޔާ އެއްމަސްދުވަހުގެ ތެރޭ ސިވިލްކޯޓަށް ދައްކާ ހަލާސްކުރުމަށްވެސް ކުރިމިނަލްކޯޓްގެ ހުކުމްގައިވެއެވެ.


 
 


ޑރ އަފްރާޝިމް އަލީގެ އާއިލީ ބޭފުޅެއްކަމަށްވާ އިބްރާހިމް އަމީން ސަތާރަ ވަނަ ރައްޔިތުން މަޖްލީހުގެ އުގޫފާރު ދާއިރާގެ ގޮނޑިއަށް އިންތިހާބްވެފައިވަނީ އެ ގޮނޑީގައި ކުރިން އިންނެވި ޑރ އަފްރާޝީމް އަލީ އަށް ތޫނު އެއްޗަކުން ހަމަލާދީ އަވަހާރަކޮށްލުމާއި ގުޅިގެންނެވެ. ގާނޫނޫ އަސާސީ ބުނާގޮތުން ޖިނާއީ ކުށެއް ސާބިތުވެ އެއްއަހަރަށް ވުރެ ދިގު ހުކުމެއް އަތުވެއްޖެނަމަ މަޖްލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭނެއެވެ. އަމީންގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވެ ހުކުމްކުރި އިރު ހިގަމުން މިދާ ރައްޔިތުން މަޖްލީހުގެ ދައުރު މިމަހުގެ އަށާވީހަށް ހަމަވާނެއެވެ.