ވިޔަފާރި

"މޯލްޑިވްސް މާކެޓާސް ފޯރަމް" ގައި 150 ފަރާތަކުން ބައިވެރިވެއްޖެ


"މޯލްޑިވްސް މާކެޓާސް ފޯރަމް" ގައި 150އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާކަމަށް ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީ އިން ބުނެފިއެވެ. 

މިއީ މާކެޓިންގ ދާއިރާގައި ހަރަކާތެރިވާ މީހުންނަށް އަމާޒްކޮށްގެން ސީއެމްއޭ އިން ރާއްޖޭގައި ބާއްވާ ފުރަތަމަ ފޯރަމެވެ. މިފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު 31 ޑިސެމްބަރ ގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ. 

ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީން މަޢުލޫމާތުދޭގޮތުގައި މިފަދަ ފޯރަމެއް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ، ރާއްޖޭގައި މާކެޓިންގ އިންޑަރސްޓްރީ ފުޅާވަމުން އަންނައިރު މި ދާއިރާގައި މަސައްކަތްކުރާ މީހުން އެއްތަނަކުން ބައްދަލުވުމުގެ ފުރުސަތު ހޯދައިދީ މި ދާއިރާ އިތުރަށް ތަރައްޤީ ކުރުންކަމަށެވެ. 

"މޯލްޑިވްސް މާކެޓާސް ފޯރަމް" ގައި 3 ދާއިރާއަކުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ތަޖުރިބާކާރު ބޭފުޅުން މައުލޫމާތު ދެއްވާނެއެވެ. މީގެ ތެރޭގައި މާކެޓިންގ ސައިކޮލޮޖީ، ޑިޖިޓަލް މާކެޓިންގ ފަދަ ދާއިރާތައް ހިމެނެއެވެ. 

މި ފޯރަމް އޮންނާނީ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. މި ފޯރަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާ ގުޅުންހުރި ދާއިރާތަކުގެ ބޭފުޅުން މަޢުލޫމާތުދެއްވާނެއެވެ. އޭގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝާޔަން ޝާހިދާއި، ދިރާގުގެ ޗީފް މާކެޓިންގ އޮފިސަރ އިޒަބެލް ހަޖްރީ އާއި އެލައިޑް އިންޝުއަރަންސް ގެ މާކެޓިންގ މެނޭޖަރ ނިއުޝާދު ޝަރީފް ފަދަ މާކެޓިންގ ދާއިރާގެ ތަޖުރިބާކާރުން މަޢުލޫމާތުދެއްވާނެކަމަށް ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީން ބުނެއެވެ. 

"މޯލްޑިވްސް މާކެޓާސް ފޯރަމް" ކޮންމެ އަހަރަކު އެއްފަހަރު ބާއްވާނެކަމަށް ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީން ބުނެއެވެ.