ޚަބަރު

"އެއީ އުކުޅެއް، ދައްކަނީ ޤާނޫނީ ބުރަދަނެއް ނެތް ވާހަކަ"


ރައީސުލްޖުމްހޫރިއްޔާ މަޤާމުން އަޒުލުކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅިކަމަށްބުނާ މައްސަލައަކީ ދައުލަތާއި ރައްޔިތުން ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލުމުގެ އުކުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރ އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމްގެ "ދެން ކޮން ސުވާލެއް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރ އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅިކަމަށް ބުނާ މައްސަލައަކީ ސަރުކާރާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ދައްކާ ވާހަކަތަކެއްކަމަށެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރަންޖެހޭފަދަ ޙާލަތެއް ރާއްޖޭގައި އޮތްކަމަށް ދެއްކުމަށް ދައްކަމުންގެންދާ ވާހަކަތަކެއްކަމަށް އާޒިމާ ވިދާޅުވިއެވެ. ނަމަވެސް އެފަދަ ހާލަތެއް ރާއްޖޭގައި ނެތްކަމަށް ޤާނޫނުއަސާސީއާއި ޤާނޫނަށް ރިޢާޔަތްކުރައްވާ އާޒިމާ ފާހަގަކުރެއްވިއެވެ. އަދި އެއީ ދައުލަތާއި ރައްޔިތުން ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލުމުގެ އުކުޅެއްގެ ގޮތުގައި އާޒިމާ ވަނީ ސިފަކުރައްވާފައެވެ.

ދައުލަތުގެ ބަންޑާރަނާއިބުކަންވެސް ކުރެއްވި އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ސުޕްރީމްކޯޓަށް މައްސަލައެއް ހުށައަޅާ ޝަރީއަތްތައް ފެށުމާހަމައަށް ފުރިހަމަ ކުރަންޖެހޭ އިޖްރާޢަތްތައްވެސް ފުރިހަމަވާނީ ޤާނޫނީ ނުކުތާތަކާއި ޤާނޫނީ ސަބަބުތަކެއްގެ މައްޗައް ބިނާކޮށް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށައެޅިކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން މިހާތަނަށް ޢާންމުވެފައިވާ ވާހަކަތަކަށް ބަލާލާއިރު ޤާނޫނީ އެއްވެސް ބުރަދަނެއް ހުރި އެއްވެސް ނުކުތާއެއް އޭގެތެރޭގައި ނުހިމެނޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

"މިމައްސަލައަކީ ދުސްތޫރީ ހަމަތަކުގެ މަތިން ކުރައްވާ ކަމެއްކަމަށް ވަރަށް އުނދަގޫ ޤަބޫލުކަމުން. އަދި މިކަމަކީ މިވަޤުތު ޤައުމުގައި މިއޮތް ހަމަޖެހުން ނުތަނަވަސްކަމަކަށް ބަދަލުކޮށް ލުމުގެ އުކުޅެއް ކަހަލަގޮތަކަށް އަޅުގަނޑަށް ހަޤީގަތުގަވެސް ފާހަގަކުރެވެނީ" އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ސިޔާސީ ބައެއް ފަރާތްތަކުގެ ވިސްނުމަކީ ޤައުމު އަބަދުވެސް ހަލަބޮލިކަމެއްގެ ތެރޭގައި ބޭއްވުން ކަމަށެވެ. އަދި ޑިމޮކްރަސީގެ ޅަފަތުގައި އޮތް  ޤައުމެއްގެ މިނިވަން މުއައްސަސާތަކުގެ އަގުވައްޓާލުމަށް ކުރަމުންދާ މަސައްކަތަކީ ވަރަށް ނުރައްކާތެރި މަސައްކަތްތަކެއް ގޮތުގައި އާޒިމާ ސިފަކުރެއްވިއެވެ. ސިޔާސީ ހަލަބޮލިކަމުން މުޅި ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، ހަލަބޮލި ކަމެއްގެ ތެރެއަށް ޤައުމު ވައްޓާލުމަކީ ޢާންމު ކޮންމެ ފަރުދަކަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށެވެ.