ޚަބަރު

ހައިކޯޓާއި ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަނީ


ހައިކޯޓާއި ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަން އިޢުލާން ކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދުވަނީ ހައިކޯޓަށް 3 ފަނޑިޔާރުންނާއި ސިވިލް ކޯޓަށް 2 ޤާޟީންނާއި ކްރިމިނަލް ކޯޓަށް 2 ޤާޟީން ހޯދުމަށް އިޢުލާން ކޮށްފައެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހައިކޯޓާއި ސުޕީރިއަރ ކޯޓްތަކަށް ފަނޑިޔާރުން ހޯދުމަށް ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާގޮތުގައި، ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ ޢުމުރުން 25 އަހަރުފުރި ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތްތަކަށެވެ. ހައިކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ ޤާނޫނީ ވަކީލު ކަމުގައި ނުވަތަ ފަނޑިޔާރު ކަމުގައި 5 އަހަރުގެ ތަޖުރިބާ ހުރި ފަރާތްތަކަށެވެ. އަދި ސުޕީރިއަރ ކޯޓްތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ ޤާނޫނީ ދާއިރާގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތްތަކަށެވެ.

ހައިކޯޓާއި ސުޕީރިއަރ ކޯޓްތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގެ ކޯޓްތަކަށް ފަނޑިޔާރުން އައްޔަންކުރަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިންޓަރވިއު ކުރުމަށްފަހު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފަޔާއެކުއެވެ. ހައިކޯޓަށް އިތުރު ތިން ފަނޑިޔާރުން ހޯދުމަށް އިޢުލާންކޮށްފައިވަނީ ހައިކޯޓްގައި 11 ފަނޑިޔާރުން ތިބެންޖެހޭގޮތަށް ކޯޓްތަކުގެ ޤާނޫނު އިސްލާޙް ކުރުމާ ގުޅިގެންނެވެ. މިހާރު ހައިކޯޓްގައި ތިއްބެވީ 8 ފަނޑިޔާރުންނެވެ. އަދި ސިވިލް ކޯޓްގައި 13 ޤާޟީން ތިއްބެވިއިރު، ކްރިމިނަލް ކޯޓްގައި 7 ޤާޟީން އެބަތިއްބެވިއެވެ.