ޚަބަރު

"މުއައްސަސާތައް ހަމަމަގަށް އެޅުވުމަކީ ރައީސްގެ ޒިންމާއެއް"


މިނިވަން މުއައްސަސާތައް މަގުން ކައްސާލާނަމަ، އެމުއައްސަސާތައް ހިނގާކަން ކަށަވަރުކޮށްދޭނީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، މިނިވަން މުއައްސަސާތަކާއި ސުޕްރީމް ކޯޓްވެސް މަގުން ކައްސާލައިގެންދާނަމަ ހަމަމަގަށް އެޅުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއްކަމަށެވެ. ހަމަ އެފަދައިން ސަރުކާރު ޤާނޫނާ ޚިލާފު ވެއްޖެނަމަ ދައުލަތުގެ މިނިވަން މުއައްސަސާތަކަށް ހުށައެޅުމުގެ އިޚްތިޔާރު އިދިކޮޅު ފަރާތްތަކަށް އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ދައުލަތުގެ މިނިވަން މުއައްސަސާތަކާއި، ކޯޓްތަކުގެ މިނިވަންކަމާމެދު ސުވާލު އުފައްދައި ދައްކާ ވާހަކަތަކަށް ރައްދުދެއްވާ ރައީސް ޔާމީން ވިދާޅުވީ، މިނިވަން މުއައްސަސާތަކާއި ކޯޓުތަކަށް އިދިކޮޅު ފަރާތްތަކުންވެސް އިތުބާރު ކުރާކަން އެފަރާތްތަކުގެ ޢަމަލުތަކުން ހާމަވާކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމަށް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ސުޕްރީމްކޯޓްގެ ނިންމުންތަކަށް އިތުބާރު ނުކުރާނަމަ އެފަދަ މައްސަލައެއް އެކޯޓަށް ހުށަ ނާޅާނެކަމަށެވެ.



އަދި ދިވެހި ދައުލަތަކީ ވަކި ނިޒާމެއްގެ ތެރެއިން ހިނގަމުންދާ ދައުލަތެއްކަމަށާއި ދައުލަތް ހިންގުމުގައި އެ ނިޒާމުން ބޭރުވެވަޑައިނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުންވެސް ޤާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.