ޚަބަރު

ކްރިމިނަލްކޯޓްގެ ބައެއް ގާޒީން މައްސަލަތައް ކެންސަލްކުރަން ފަށައިފި





 


ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރުވާން ފެށިނަމަވެސް ޕްރޮސެކިއުޓަރ ޖެނަރަލް ނުވަތަ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުންނެވިއިރު ކަނޑައަޅުއްވާފައިވާ ވަކީލުން ފިޔަވައި އެހެން ވަކީލުން ހާޒިރްވާކަމަށް ބުނެ ކުރިމިނަލްކޯޓްގެ ބައެއް ގާޒީ މައްސަލަތައް ނުބައްލަވާ ކެންސަލްކުރަން ފަށައިފިއެވެ.


 


މައްސަލަތައް ނުބަލާ ކުރިމިނަލްކޯޓްގެ ބައެއް ގާޒީ ކެންސަލްކުރަމުން ދިޔަނަމަވެސް ޕީޖީ ގެ ކޮންމެ ވަކީލަކު ހާޒިރުވި ނަމަވެސް ކުރިމިނަލްކޯޓްގެ އިސްގާޒީ ބައްލަވާ މައްސަލަތައް ކުރިޔަށްދާކަމަށް އެކޯޓުން ބުނެއެވެ.


ކުރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދާއި ހަވާލާ ދެއްވާ އެކޯޓްގެ އޮފިޝަލަކު ވިދާޅުވީ ދައުލަތުގެ ފަރާތުން ކޮންމެ ވަކީލެއް ހާޒިރްވި ނަމަވެސް މައްސަލަ ކުރިޔަށް ގެންދަން ޖެހޭކަމަށެވެ.


 


ޖިނާއީ މައްސަލަތައް ބަލާ ޖުވައިނަލްކޯޓުން ބުނީ މައްސަލައާއި އެކު ކަނޑައޅަފައިވާ ވަކީލުންގެ ބަދަލުގައި އެހެން ވަކީލަކު ހާޒިރުވެއްޖެނަމަ އެ މައްސަލަ އެކޯޓްގައި ކުރިޔަށް ނުގެންދިޔުމަށް ނިންމާފައިވާކަމަށެވެ. މިގޮތަށް ކަނޑައެޅި ކޮންމެ މައްސަލައެއްވެސް ކޯޓަށް ހުށައަޅާއިރު އެ މައްސަލައެއްގައި ވަކާލާތު ކުރާނެ ވަކީލަކު ލިޔުމުން ބަޔާންކޮށްފައިވާއިރު އެ ވަކީލުގެ ބަދަލުގައި ކޯޓަށް ހާޒިރްވާނެ އެހެން ވަކީލަކު ކަނޑައަޅާނެ ފަރާތެއް މިވަގުތު ނެތުމުންކަމަށްވެސް ޖުވައިނަލްކޯޓުން ބުނެއެވެ.