ވިޔަފާރި

ހިއްސާ ވިއްކައިގެން އެމްޓީސީސީއަށް 188.4 މިލިއަން ރުފިޔާ


ހިއްސާދާރުންނަށް ހިއްސާ ވިއްކައިގެން އެމްޓީސީސީން 188 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

ރައިޓް އިޝޫގެ ދަށުން އެމްޓީސީސީގެ ހިއްސާދާރުންނަށް އެކުންފުނީގެ ހިއްސާ ގަތުމަށް ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 19 ވަނަ ދުވަހުއެވެ.

އެމްޓީސީސީން ބުނީ، ހިއްސާ ވިއްކުމަށް ހުޅުވާލި މުއްދަތު ޑިސެމްބަރުމަހުގެ ނިޔަލަށް ހަމަވިއިރު، 4،334 (ހަތަރުހާސް ތިންސަތޭކަ ތިރީސް ހަތަރު ހިއްސާދާރުންނަށް 3،038،0977 (ތިން މިލިއަން ތިރީސް އަށްހާސް ނުވަސަތޭކަ ހަތްދިހަ ހަ) ހިއްސާ ވިއްކާފައިވާކަމަށެވެ. 

މިގޮތުން ހިއްސާ ވިއްކައިގެން ލިބިފައިވަނީ، 188،362014 (ސަތޭކަ އަށްޑިހަ އަށް މިލިއަން ތިންސަތޭކަ ފަސްދޮޅަސް ދެހާސް ސާދަ) ރުފިޔާއެވެ. ރައިޓް އިޝޫ ކުރިއަށްގެންގޮސްފައިވަނީ، އެމްޓީސީސީގެ ހިއްސާދާރުންގެ ގޮތުގައި ދަފްތަރުވެފައިވާ ކޮންމެ ފަރާތަކަށްވެސް ހިއްސާ ގަނެވޭ ގޮތަށެވެ.

އެމްޓީސީސީގެ ޗެއަރމަން އަޙްމަދު ނިޔާޒު ވިދާޅުވީ، އެ ކުންފުނިން އިތުރު ހިއްސާ ވިއްކުމަށް ނިންމީ ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ގަނެފައިވާ ޑްރެޖަރަށް ފައިސާ ދެއްކުމަށާއި، ޑްރެޖަރ ބޭނުންކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ފެށުމަށް ބޭނުންވާ ބައެއް އާލާތްތައް ގަތުމުގެ ގޮތުންކަމަށެވެ.

އެމްޓީސީސީގެ ހިއްސާދާރުންގެ ދަފްތަރުގައި މިހާތަނަށް ބާވީސް ހާސް ހިއްސާދާރުން އެބަތިބިކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. 

އެމްޓީސީސީ އުފައްދާފައިވަނީ 1980 ވަނަ އަހަރުއެވެ. އެމްޓީސީސީ އަކި ދިވެހި ރައްޔިތުންނަށް އެންމެ ފުރަތަމަ ހިއްސާ ވިއްކަން ފެށި ކުންފުންޏެވެ.