ވިޔަފާރި

ކެޕިޓަލް މާކެޓް ރިވިއު ރަސްމީކޮށް އިފްތިތާހްކޮށްފި


ކެޕިޓަލް މާކެޓް ރިވިއުގެ ދެވަނަ ޢަދަދު ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ. 

މި ފޮތަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮޓޯރިޓީއާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން 2017 ވަނަ އަހަރު އުފައްދާފައިވާ 13 އެޕިސޯޑްގެ "އިސްތިސްމާރު" ޕްރޮގުރާމްގައި ގެނެސްދީފައިވާ މަޢުލޫމާތުތައް ހިމަނައިގެން ނެރުނު ފޮތެކެވެ. މި ފޮތް ނެރެދެއްވީ އިސްލާމިކް ޔުނިވާރސިޓީގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދުއެވެ.

ޕޮތް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޕީއެސްއެމްއާއި ސީއެމްޑީއޭ ގުޅިގެން މިކުރި މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. މިއީ ކުރިއަށްއޮތް ތަނުގައި އިތުރަށް ފުޅާކުރަންޖެހޭ މަސައްކަތެއްކަމަށް އޭނާ ވިދާޅުވިއެވެ. މިފޮތުގައި ވިޔަފާރިއާއިބެހޭ ގިނަ މަޢުލޫމާތުތަކެއް ހިމެނޭކަމަށާއި، މިއީ ކިޔަވާކުދިންނަށް އަދި އާންމުންނަށްވެސް ވަރަށް ބޭނުންތެރި ފޮތަކަށް ވާނެކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

"ޒުވާނުންގެ ހުރޭ ވިޔަފާރިކުރުމުގެ ވިސްނުން. އެކަމަކު ވިޔަފާރިއަށް ފައިސާހޯދާނެގޮތާއި، އެކަންކަން ޕްލޭންކުރާނެގޮތާއި،  އެކަން ދެމެހެއްޓެނިވި ގޮތަށް ކުރިއަށްގެންދާނެގޮތް އިތުރަށް އެކުދިންނަށް، މިހާރުގެ ޖީލަށް ބުނެދިނުމަކީ ވަރަށް މުހިންމު ކަމެއްހެން އަޅުގަނޑަށް ހީވަނީ. އެހެންވީމަ އިސްތިސްމާރު ޕްރޮގުރާމަކީ މި ސީޑީގެ ޒަރިއްޔާއިންވެސް ހަޤީގަތުގަ ވަރަށް ބޮޑަށް ފަތުރަންޖެހޭ ޕްރޮގުރާމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށް މިފުރުސަތުގަ އެމަސައްކަތުގެ އަގުވަޒަންކޮށް ހެޔޮދުއާ ރައްދުކުރަން." ޑރ މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވިއެވެ.

ކެޕިޓަލް މާކެޓް ރިވިއުގެ ދެވަނަ ޢަދަދުގައި ހިމެނޭ މަޢުލޫމާތުތަކުގެ ތެރޭގައި ކެޕިޓަލް މާކެޓް މެދުވެރިކޮށް ފައިސާ ހޯދޭނެ ވަސީލަތްތަކާއި، މާލީ ހިސާބުތައް ދިރާސާކުރާނެ ގޮތާއި، އިސްލާމިކް ކެޕިޓަލް މާކެޓްގައި ބޭނުންކުރެވޭ ބައެއް ޕްރޮޑަކްޓްތަކާއި ބެހޭ އަސާސީ މަޢުލޫމާތު ހިމެނެއެވެ. މި ފޮތުގައި ހިމެނޭ މަޢުލޫމާތުތައް ސީއެމްޑީއޭގެ ވެބްސައިޓުން އަދި ސޯޝަލްމީޑިއާ ގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދޭނެކަމަށް ސީއެމްޑީއޭއިން ބުނެއެވެ. 

މިރަސްމިސްޔާތުގައި ސީއެމްޑީއެއާއި، ޕީއެސްއެމްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.