ވިޔަފާރި

ރާއްޖޭގެ ބޮންޑް ގަތުމަށް ތައިލެންޑުގެ އިންވެސްޓަރުން ބޭނުންވޭ


ދިވެހިރާއްޖޭގެ ބޮންޑުގައި އިންވެސްޓްކުރުމުގެ ޝައުގުވެރިކަން ތައިލެންޑުގެ ވިޔަފާރިވެރިން ފާޅުކޮށްފިއެވެ.

ރުމާލު ދޭއް ޖަގަހައިގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ އެކިއެކި ދާއިރާތަކުގައި އިންވެސްޓްކުރުމަށް ބޭނުންވާ ބޭރުގެ ވިޔަފާރިވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަމަށެވެ. މިގޮތުން ރާއްޖޭގެ ބޮންޑްގައި ތައިލެންޑްގެ ވިޔަފާރިވެރިން އިންވެސްޓްކުރުމުގެ ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަމަށާއި، ބައެއް ވިޔަފާރިވެރިން އެކަމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ.

ސަފީރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކޮންމެ ވާހަކަތަކެއް ދެއްކިނަމަވެސް ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ ފުރިހަމަ އިތުބާރު ދިވެހިރާއްޖެއަށް އެބައޮތްކަން މިކަންކަމުން ދޭހަވާކަމަށެވެ.

"ތައިލެންޑްގެ ވިޔަފާރިވެރިން ބޭނުންވޭ ރާއްޖޭގެ ބޮންޑް މާކެޓްގައި 400 މިލިއަން 500 މިލިއަން ޑޮލަރުގެ ބޮންޑް ބައްލަވައިގަތުމަށް. އެހެންވީމަ މިކަމުން އެބަ އިނގޭ ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއަށްދާ މިންވަރުގެ ޔަގީންކަމާއި އިތުބާރުއޮތް މިންވަރު. މިއަދު އިދިކޮޅު ފަރާތްތަކަށް ބަލާލީމާ މި ފެންނަނީ އިދިކޮޅު ފަރާތްތައް ވަރަށްބޮޑަށް ބައިބައިވެފައި އޮތް މަންޒަރު. އެމީހުންގެ ލީޑަރެއް ނެތް. " ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ބޮންޑް މާކެޓުން ބޮންޑް ގަތުމުގެ ޝައުގުވެރިކަން ތައިލެންޑުގެ ވިޔަފާރިވެރިން ފާޅުކޮށްފައިވާއިރު، ރާއްޖެއިން ވަނީ ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ސިންގަޕޫރުގެ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްގެން 200 މިލިއަން ޑޮލަރުގެ ބޮންޑް ވިއްކާފައެވެ. ފިނޭންސް މިނިސްޓްރީން ބުނީ، މި ބޮންޑަށް ބޭރުގެ އިންވެސްޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ.

ދެކުނު އޭޝިޔާގެ އެންމެ ރަނގަޅު އިންވެސްޓްމަންޓްތަކުގެ ތެރޭގައި މި ބޮންޑް ހިމެނި، މި ބޮންޑަށް ވަނީ ބައިނަލްއަޤްވާމީ އެވޯޑެއް ކަމަށްވާ ދި އެސެޓް މެގަޒިން އިން ދޭ، ޓްރިޕަލް އޭ ކަންޓްރީ އެވޯޑްވެސް ލިބިފައެވެ.