ކުޅިވަރު

ފުޓްބޯޅަ ކްލަބެއް އެކުލަވާލާ، ބެކަމްގެ އުއްމީދުތައް ހާމަކޮށްފި


އިންގްލޭންޑްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް އިސްވެހުރެ އެކުލަވާލި މަޔާމީ ފުޓްބޯޅަ ފްރެންޗައިސް އިއުލާންކޮށްފިއެވެ.

2014 ވަނަ އަހަރު ބެކަމް ވަނީ މިޔާމީގައި ފުޓްބޯޅަ ކްލަބެއް އެކުލަވާލާ އެމެރިކާގެ މޭޖަރ ލީގް ސޮކާ މުބާރާތުގައި އެކްލަބް ބައިވެރިކުރުމުގެ މަސައްކަތް ކުރާނެކަން އިއުލާންކޮށްފައެވެ. އަދި އޭގެ ހަތަރު އަހަރު ފަހުން ބެކަމް މަޔާމީ ފުޓްބޯޅަ ޓީމް ވުޖޫދަށް އައިކަން އިއުލާންކުރީ ރޭ ފްލޮރިޑާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިޓީމް އެމެރިކާ ލީގުގައި ކުޅެން ފެށުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުއެވެ. މި ހަފްލާގައި ކްލަބް ވުޖޫދަށް އައިކަން އިއުލާން ކުރިނަމަވެސް އެކްލަބަށް ކިޔާނެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ބެކަމް ބުނީ މިކަން ހާޞިލްވީ ވަރަށް ގިނަ މަސައްކަތުން ކަމަށެވެ. އަދި އޭނާ ބޭނުންވަނީ މިކްލަބަކީ ދުނިޔޭގެ އެންމެ ވަރުގަދަ ކްލަބް ތަކުގެ ތެރޭގައި ފާހަގަކުރެވޭ ވަރުގެ ކްލަބަކަށް ހަދަން ކަމަށެވެ.

img:http://s2.psmnews.mv/images/660x400/15172905705647.jpg|ޑޭވިޑް ބެކަމްއާއި އޭނާގެ ޓީމް، ކްލަބް އެކުލަވާލިކަން އިއުލާންކުރުމުގެ ރަސްމިއްޔާތުގައި: ފޮޓޯ-އޭޕީ

ބެކަމް ބުނީ އޭނާގެ ކްލަބަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ވަރުގަދަ ކުޅުންތެރިއެއް ގެންނާނެ ކަމަށާއި، އެހެންނަމަވެސް މައިގަނޑު އަމާޒަކީ ވަރުގަދަ އެކަޑަމީއެއް އުފެއްދުން ކަމަށެވެ. އަދި މިކެޑަމީ މެދުވެރިކޮށް މޮޅު ކުޅުންތެރިން ނެރުމަކީ ޓީމަށް އެންމެ ފައިދާ ހުރިގޮތް ކަމަށާއި، ބޭނުންވަނީ އޭނާގެ ކުރީގެ ކްލަބް މެންޗެސްޓަރ ޔުނައިޓެޑުން ނުވަދިހަ ދެވަނަ އަހަރުގެ ފެނިގެންދިޔަ ފަދަ ކުޅުންތެރިންތަކެއް ޓީމަށް ނެރުމަށްކަމަށެވެ. ބެކަމްވެސް ހިމެނުނީ ނުވަދިހަ ދެވަނަ އަހަރުގެ މެންޗެސްޓަރ ޔުނައިޓެޑްގެ އެކަޑަމީން ފުރަތަމަ ޓީމަށް ކުޅެންފެށި މަޝްހޫރު ގިނަ ކުޅުންތެރިންތަކުގެ ތެރޭގައެވެ.

ޓީމަށް އަދި ކޯޗެއްވެސް ނުހޯދާ ކަމަށާއި، އޭނާ ބޭނުންވަނީ މޮޅު ކޯޗެއް ޓީމަށް ހޯދަން ކަމަށާއި، އެއީ ކޮންމެހެން މަޝްހޫރު މީހަކަށް ވާން ނުޖެހޭ ކަމަށްވެސް ބެކަމް ބުންޏެވެ.