ކުޅިވަރު

ފްރާންސްގެ ޒުވާން ޑިފެންޑަރ އެމްރިކް ލަޕޯތު ސިޓީއަށް


މެންޗެސްޓަރ ސިޓީގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ފްރާންސްގެ ޒުވާން ޑިފެންޑަރ އެމްރިކް ލަޕޯތު ސިޓީ އާއި ގުޅެން ތައްޔާރުވެއްޖެއެވެ. 

ސްޕެއިންގެ އެތްލެޓިކް ބިލްބާއޯއަށް ކުޅެމުންދާ ލަޕޯތުގެ ޓްރާންސްފަރގެ ކަންތައް މިހާރު ނިމިފައިވާ ކަމަށް އެކްލަބުން ވަނީ ބުނެފައެވެ. އެގޮތުން 57 މިލިއަން ޕައުންޑްގެ އަގަކަށް ލަޕޯތު ބިލްބާއޯއާއެކު ހަދާފައިވާ އެއްބަސްވުން އޭނާ އަމިއްލައަށް ގަނެފައިވާކަން ކްލަބުން ވަނީ ޔަޤީންކޮށްދީފައެވެ. ލަޕޯތުގެ އެއްބަސްވުން ގަތުމަށް ބޭނުންވާ ފައިސާ ސިޓީން ދީފައިވަނީ ކްލަބްގެ ބަދަލުގައި ކުޅުންތެރިޔާއަށެވެ. ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ގަންނަން ޖެހޭނީ އެކުޅުންތެރިއަކު އަމިއްލައަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ސިޓީން ލަޕޯތު އެކްލަބްގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް މިއަދުގެ ވަގުތެއްގައި އިއުލާނުކުރާނެއެވެ.

މިއާއެކު ލަޕޯތު ވެގެންދާނީ ސިޓީގެ އެންމެ އަގުބޮޑު ކުޅުންތެރިއާއަށެވެ. ކުރިން މިމަޤާމް އޮތީ މިޑްފިލްޑަރ ކެވިން ދެ ބްރައިނާ އަތުގައެވެ. އެއީ 55 މިލިއަން ޕައުންޑާއެކުއެވެ. މެންޗެސްޓަރ ސިޓީން އެޓީމުގެ ފަހަތް ވަރުގަދަ ކުރުމުގެ ގޮތުން ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ލަޕޯތު ހޯދީ ކްލަބްގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީއަށް ލިބެމުންދާ އަނިޔާތަކާއެކު ކެނޑިނޭޅި ކުޅުމާ ދުރުގައި ގިނަދުވަސްތަކެއް ހޭދަކުރަން ޖެހޭތީއެވެ.