ޚަބަރު

ޑރ.އާޞިމް އިތޯޕިއާގެ ސްޓޭޓް މިނިސްޓަރަކާ ބައްދަލުކުރައްވައިފި


މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ.މުޙައްމަދު އާޞިމް އިތޯޕިއާގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ސްޓޭޓް މިނިސްޓަރާ ބައްދަލްކުރައްވައިފިއެވެ.

މިބައްދަލުވުން ކުރިޔަށް ދިޔައީ 30 ވަނަ އެފްރިކަން ޔޫނިއަން ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާޞިމް އިތޯޕިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މިބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޑރ.އާސިމާއި އިތޯޕިއާގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަކްލިލް ހައިލެމައިކަލްވަނީ ރާއްޖެއާ އިތޯޕިއާއާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. ޚާއްސަކޮށް ތިމާވެށި ޙިމާޔަތްކުރުމާ، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއާއި އިތޯޕިއާގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ  ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ފޮރިން މިނިސްޓަރު ޑރ.އާސިމް ވަނީ މި ދަތުރުފުޅުގައި އިތިއޯޕިއާގެ މީޑިއާއާވެސް ބައްދަލުކުރައްވާފައެވެ. މިނިސްޓަރ ވަނީ މިދަތުރުފުޅާ ބެހޭ ގޮތުންނާއި ރާއްޖެއާއި އިތޯޕިއާގެ އިތުރުން އެފްރިކާގެ އެހެން ޤައުމުތަކާ އޮންނަ ގުޅުމާ ބެހޭ ގޮތުން އިތޯޕިޔާގެ މީޑިއާއަށް މަޢުލޫމާތުދީފައެވެ.

ފޮރިން މިނިސްޓަރ ޑރ.އާސިމް އިތޯޕިއާއަށް ކުރެއްވި ދަތުރުފުޅަކީ މިމަހުގެ ބާވީހުން ނަވާވީހަށް އެޤައުމުގައި ބޭއްވި "އޯޑިނަރީ ސެޝަން އޮފް ދި އެސެންބްލީ އޮފް ހެޑްސް އޮފް ސްޓޭޓް އެންޑް ގަވަރމަންޓް އޮފް އެފްރިކަން ޔޫނިއަން" ގެ ބައްދަލްވުމުގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިބައްދަލްވުމުގެ މިއަހަރުގެ ތީމަކީ "ވިނިން ދި ފައިޓް އެގެއިންސްޓް ކޮރަޕްޝަން - އަ ސަސްޓެއިނަބަލް ޕާތް ޓު އެފްރިކާސް ޓްރާންސްފޯމޭޝަން"އެވެ. މިބައްދަލުވުމުގައި އެފްރިކާގެ ޤައުމުތަކުގައި ބޮޑުވެފައިވާ ކޮރަޕްޝަނާ ފަޤީރުކަމުގެ މައްސަލަތައް ޙައްލުކުރުމަށް ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭ މުހިންމު މަޝްވަރާތަކަކާއި އެއްބަސްވުންތަކަކަށް އައިސްފައިވެއެވެ.