ޚަބަރު

"ޤަައިދީންނާ ޙަވާލާދީ ޚަބަރު ޝާއިޢުކުރާނަމަ ފިޔަވަޅު އަޅާނަން"


ޝަރުޢީ ޙުކުމްތައް ތަންފީޛްކުރަމުންދާ ޤައިދީނާ ޙަވާލާދީ ޤާނޫނާ ޚިލާފަށް ޚަބަރުތައް ޝާއިޢުކޮށް ފަތުރާ މީޑިއާތަކާމެދު ފިޔަވަޅުއަޅާނެކަމަށް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޙުކުމް ތަންފީޛްކުރަމުންދާ ފަރާތްތަކާ ޙަވާލާދީ ރާއްޖޭގެ މީޑިއާތަކުގައި ޝާއިޢުކުރަމުންދާ ޚަބަރުތަކަކީ ޤާނޫނާ ޤަވާއިދާ ޚިލާފަށް ޝާއިޢުކުރަމުންދާ ޚަބަރުތަކެއްކަމަށް. އަދި މިކަން ކުރިންވެސް އަންގާފައިވާނެކަމަށާއި، އެފަދަ ޚަބަރުތައް ޝާއިޢުކުރާ މީޑިއާތަކުން ޚަބަރު ޝާއިޢު ކުރުމުގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށާފައިވާކަމަށްވެސް މި ބަޔާނުގައިވެއެވެ.

ކަރެކްޝަނަލް ސަރވިސްއިން ބުނީ ޝަރުޢީ ޙުކުމް ތަންފީޛުކުރަމުންދާ ފަރާތްތަކާ ޙަވާލާދީ އެއްވެސް ވާހަކައެއް ޝާއިޢުކޮށް އާންމުކުރަން ޖެހޭނީ އެކަމާ ގުޅޭގޮތުން ހަދާފައިވާ ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށެވެ. އެގޮތުން ޤައިދީންނާ ބައްދަލުކޮށް އެއްވެސް މަޢުލޫމާތެއް ހޯދައި އެމަޢުލޫމާތެއް ބޭނުންކުރަންވާނީ ޖަލުތަކާއި ޕެރޯލްގެ ޤާނޫނާއީ، އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާ އެއްގޮތަށްކަމަށެވެ.

ކަރެކްޝަނަލް ސަރވިސްއިން މިހެން ބުނެފައިވަނީ ޖިނާއީ އެކި ކުށްކުށުގައި ޝަރުޢީ ޙުކުމްތައް ތަންފީޛްކުރަމުންދާ ސިޔާސީ އެކި ފަރާތްތަކުން، ޖަލުގައިތިބެގެން ނޫސްބަޔާންތައް ނެރެ، އެއާގުޅޭ ޚަބަރުތައް ރާއްޖޭގެ ނޫސްތަކުގައި ޝާއިޢުކުރުން ޢާންމުވެފައިވާ ދަނޑިވަޅެއްގައެވެ.