ޚަބަރު

ވިލާގެ މައްސަލައިގައި އާޒިމާގެ ދައުރެއް ނުވޭ!


ވިލާ ގްރޫޕުން ދައުލަތަށް ދައްކަންޖެހޭ ފައިސާއަކީ އެކުންފުނިން 2013 ވަނަ އަހަރު ސަރުކާރާއެކު ކޯޓުން ބޭރުގައި ވެފައިވާ އެއްބަސްވުންތަކެއްގެ ނަތީޖާކަމަށާއި، މިކަމުގައި އެއްވެސް ދައުރެއް އަދާ ނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ، އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ އުންމީދާ ކުރިއެރުން ޕްރޮގްރާމުގައި، ވިލާ ގްރޫޕުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު 2.9 ބިލިއަނަށް އަރާކަމަށްބުނެ ދެއްކެވި ވާހަކަފުޅާ ގުޅިގެން އާޒިމާ ހެއްދެވީ އިތުރުފުޅެއްކަމަށް ތުހުމަތު ކުރައްވާ ޤާސިމް އިބްރާހީމް ދެއްކެވި ވާހަކަފުޅާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ. 2008 ވަނަ އަހަރުގެ ކުރިން ވިލާއިން ކުއްޔަށްހިފާފައިވާ ރަށްތަކެއްގެ މައްސަލައިގައި ވިލާގެ ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން އާޒިމާ ކޯޓްގައި ވަކާލާތުކޮށްފައިވާކަމަށާއި، މިމައްސަލަތަކުގެ ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން އެފައިސާ ވިލާއިން ދައުލަތައް ދައްކަން ނުޖެހޭނެކަން އާޒިމާއަށް އެނގިވަޑައިގަންނަވާނެކަމަށް ޤާސިމް ތުހުމަތު ކުރައްވާފައިވެއެވެ.

ޤާސިމްގެ މިވާހަކަތަކަށް ރައްދުދެއްވައި، ކުރީގެ ބަންޑާރަނާއިބު، އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު އާޒިމާ ޝަކޫރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، 2008 ވަނަ އަހަރުގެ ކުރިން ވިލާއިން ކުއްޔަށްހިފާއިވާ ރަށްތަކެއްގެ އެގްރީމެންޓާ ދައުލަތުން ޚިލާފުވެފައިވާކަމަށް ބުނެ ވިލާ ގްރޫޕުން ކޯޓަށް ހުށައެޅި މައްސަލައިގައި ވިލާގެ ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން ވަކާލާތު ކޮށްފައިވާނަމަވެސް، 2013 ވަނަ އަހަރު ވެރިކަން ބަދަލުވެ އެކަމަނާ ބަންޑާރަނާއިބުކަމަށް އައްޔަންކުރެވުމާއެކު، މިމައްސަލައިން ތަނާޒުލުވެފައިވާކަމަށެވެ. އަދި ވިލާއިން މައްސަލަތައް އަނބުރާ ގެންގޮސް ދައުލަތާއެކު ސެޓްލްމެންޓް އެގްރީމެންޓްތައް ހެދުމުގެ މަރުހަލާއިންވެސް މަސްލަހަތު ފުށުއަރާފާނެތީ ތަނާޒުލުވެފައިވާކަމަށެވެ.

އެހެންކަމުން ވިލާގްރޫޕުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ މައްސަލައަކީ އެއްވެސް ޙާލަތެއްގައި އެކަމަނާގެ އެއްވެސް ބައިވެރުވުމެއް ނުވަތަ ވަކާލާތު ކުރުމެއް އޮވެގެން ހިނގާފައިވާ ކަންތައްތަކެއް ނޫންކަމަށް އާޒިމާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި އެފައިސާއަކީ ވިލާ ގްރޫޕުން ކޯޓުން ބޭރުގައި ސަރުކާރާއެކު ސެޓްލްމެންޓް އެގްރީމެންޓެއް އެކުލަވާލުމަށް ނިންމި ނިންމުމުގެ ނަތީޖާކަމަށްވެސް މި ބަޔާނުގައި އާޒިމާ ވިދާޅުވެފައިވެއެވެ. އަދި ޕީ.އެސް.އެމްގެ އުންމީދާއި ކުރިއެރުން ޕްރޮގްރާމްގައި އެކަމަނާ ދައްކާފައިވާ ވާހަކަތަކަކީ، ދައުލަތުގެ ޓެކްސް އިދާރާއާއި، މާލީ ވަޒީރު ޔަޤީންކޮށްދެއްވާފައިވާ ޢަދަދުތަކެއްގެ މައްޗަށް ބިނާކޮށް ދެއްކެވި ވާހަކަތަކެއްމަށް އާޒިމާ ވިދާޅުވިއެވެ. އަދި ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނުދެއްކުމުގެ ޙުއްޖަތެއްގެ ގޮތުން، އެފައިސާ ދައްކަންޖެހޭ މީހުންގެ އަބުރާ ބެހުމަކީ ޙައްލެއްކަމަށް ޤާސިމް ދެކެވަޑައިގަތީތީ ހިތާމަކުރައްވާކަމަށްވެސް އާޒިމާ ވިދާޅުވެފައިވެއެވެ.

މި ބަޔާނުގައި އާޒިމާ ވަނީ، ވިލާ ގްރޫޕުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ މައްސަލައިގައި އަބުރުވެފިކަމާއި އެޔޮނިޔަތާއެކު އެކަންކަން ނިންމެވުމަށް އިލްތިމާސް ކުރައްވާފައެވެ.