ދުނިޔެ

ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު އުތުރު ކޮރެއާގެ ކުޑަކުދިންނަށް


އދން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އުތުރުކޮރެޔާގެ ކުޑަކުދިންގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ދާކަން ކުޑަކުދިންނާބެހޭ އދގެ ފަންޑް ޔުނިސެފުން ހާމަކޮށްފިއެވެ.

ޔުނިސެފުން ބުނީ އދން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުޑަކުދިންނަށް ބޭނުންވާ އެތައްކަމެއް ފުރިހަމަކޮށްދިނުމަށް އުތުރުކޮރެޔާގެ ސަރުކާރު ނުކުޅެދިފައިވާ ކަމަށާއި، މީގެ ތެރޭގައި އެ ޤައުމުގެ ކުޑަކުދިންނަށް ބޭނުންވާ ކާބޯތަކެއްޗާއި ސިއްޙީ ފަރުވާ އާއި ތަޢުލީމު ފަދަ އަސާސީ ޚިދުމަތްތައް ހިމެނޭކަމަށެވެ.

އުތުރު ކޮރެޔާއިން ނިއުކްލިޔަރ ހަތިޔާރާއި ބެލިސްޓިކް މިސައިލް އުފައްދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް، އެމެރިކާ އިސްވެ އޮވެގެން އެ ޤައުމާ ދެކޮޅަށް އދގެ ސަލާމަތީ މަޖިލީހުން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވާތާ އެތައް އަހަރެއް ވެފައިވާއިރު މިކަމުގެ ސަބަބުން އުތުރުކޮރެޔާގެ އިޤުތިޞާދު ވަނީ ހީނަރުވެފައެވެ.

ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ ނާއިބު އުމަރު އަބްދީ ވިދާޅުވީ އުތުރުކޮރެޔާގެ ކުޑަކުދިންނަށް ބޭނުންވާ އިންސާނީ އެހީ، ދަތިކުރުމުގެ ފިޔަވަޅުތަކުން އިސްތިސްނާ ކޮށްފައިވާނަމަވެސް، ޢަމަލީގޮތުން އެކަން އެގޮތަށް ނުހިނގާ ކަމަށެވެ.

އެ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނުސީދާ އަސަރު އުތުރުކޮރެޔާގެ ކުޑަކުދިންނަށް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށާއި، ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އުތުރުކޮރެޔާގެ ފަސްދޮޅަސްހާސް ކުޑަކުދިން ހައިހޫނުކަން ތަހައްމަލު ކުރަމުން ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.