ޚަބަރު

ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ހޯދައިދޭނަން - ރައީސް


ދިވެހި ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް މި ސަރުކާރުން އަނބުރާ ހޯދައިދޭނެކަމަށާއި، އެއްވެސް ތަފާތުކުރުމެއްނެތި ޤާނޫނު ތަންފީޛް ކުރާނެކަމުގެ ކަށަވަރުކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވައިފިއެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަކިވަކި ފަރުދުންގެ މަސްލަހަތަށްވުރެ އެމަނިކުފާނަށް އަބަދުވެސް މުހިންމީ މުޅި މުޖުތަމަޢުގެ މަސްލަހަތުކަމަށާ، ދައުލަތުން ފޭދިގެން ގޮސްފައިވާ އެތައް ބިލިއަން ރުފިޔާ އަކީ މުޅި މުޖުތަމަޢުގެ މަސްލަހަތަށްޓަކައި އަނބުރާ ހޯދަންޖެހޭ ފައިސާކަމަށެވެ. އަދި މިކަމުގައި މަޢާފްދެވެން ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިސަރުކާރަކީ އެއްވެސް މީހެއްގެ މެދުގައި ތަފާތުކުރުމެއްނެތި ޤާނޫނު ތަންފީޛް ކުރާނެ ސަރުކާރެއްކަމަށާއި، މިކަމުން ވަކި ސިޔާސީ ފަރާތްތަކެއް ހިތްހަމަ ނުޖެހުމަކީ ސަރުކާރުން ކުރާނެކަމެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ޤާނޫނަކުން އިމްތިޔާޒުތަކެއް ލިބިދީފައިވުމަކީ ޤާނޫނު މުގުރާލުމަށް ލިބޭ ފުރުޞަތެއް ނޫންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު ހަރުއަޑުން ސިޔާސީ ވާހަކަ ދައްކަނީ އިސްލާޙް ކުރުމުގެ ފުރުޞަތު ލިބި، އެ ފުރުޞަތުގެ ބޭނުން ނުކުރި ބޭފުޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން ކަމެއް ކުރުމުން އިދިކޮޅު ފަރާތްތަކުން، އެކަމަށް ހުރަސްއެޅުމުގެ ބަދަލުގައި ކިޔައިދޭންވީ އެއަށްވުރެ މޮޅަށް އެކަން ކުރަންވީ ގޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށްޓަކައި ކޮށްދެވެންހުރި އެތައްކަމެއް ކުރީ ސަރުކާރުތަކުން ނުކޮށް ދޫކޮށްލާފައިވާކަމަށް ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤާނޫނުއަސާސީއާއި ޤާނޫނުގެ ބޭރުން މިސަރުކާރުން އެއްވެސް މީހަކު ހައްޔަރު ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ވިދާޅުވުން މި ޖަލްސާގައިވެސް ވަނީތަކުރާރު ކުރައްވާފައި. އަދި ކުރީގެ ސަރުކާރުތަކުން ފުލުހުންގެ މުވައްސަސާއަށް އިންތިހާ ދަރަޖައަށް ސިޔާސީ ނުފޫޒު ފޯރުވާކަމަށާއި، މި ސަރުކާރުން އެގޮތަށް ކަންތައް ނުކުރާނެކަމުގެ ކަށަވަރުކަން ރައްޔިތުންނަަށް ދެއްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރުމަށް ބޭރުގެ ފަަރާތެއްގެ މަޝްވަރާ ބޭނުން ނުވާކަމަށާއި، ދިވެހިރާއްޖޭގައި އަމިއްލަ ކަންކަން ނިންމުމުގެ ޤާބިލުކަން އެބަހުރިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.