ޚަބަރު

ތަނެއް ބަލައި ފާސްކުރާނީ އިޖުރާޢަތްތައް ފުރިހަމަކޮށްގެން - އަނިލް


ކޯޓު އަމުރެއް ހިފައިގެން ދައުލަތުގެ މުވައްޒަފަކު ތަނެއް ބަލައި ފާސްކުރުމަށް ދާނީ ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖުރާޢަތްތައް ފުރިހަމަ ކުރުމަށްފަހުކަމަށް ބަންޑާރަ ނާއިބު އަލްއުސްތާޛު މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ޚާއްސަ ޕްރޮގްރާމެއް އިފްތިތާޙް ކުރުމަށް މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން ބަންޑާރަ ނާއިބު ވިދާޅުވީ ޔުނީފޯމްއެޅި ދައުލަތުގެ މުވައްޒަފަކު ކޯޓު އަމުރެއް ހިފައިގެން ތަނެއް ބަލައި ފާސްކުރަން ދާއިރު އެ މުވައްޒަފަކަށް ދޭންޖެހޭ ޤާނޫނީ އެހީތެރިކަމާއި ޤާނޫނީ ޙިމާޔަތް ދައުލަތުން އެ މުވައްޒަފަކަށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެ މުވައްޒަފަކު ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުކުރާނަމަ އެ މުވައްޒަފަކަށް ޤާނޫނީ ޙިމާޔަތް ދަޢުލަތުން ފޯރުކޮށްދެއްވާނެކަމަށްވެސް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

އަނިލް ވިދާޅުވީ ޤާނޫނުގައި އޮންނަ ރަނގަޅު ގޮތް އެނގި ހުރެމެ، ޤާނޫނުގައި ހުންނަ މަފްހޫމްތައް އޮޅުވާލައިގެން ބައެއް ދިފާޢީ ވަކީލުން މީޑިއާތަކުގައި ވާހަކަދައްކަވަމުންދާ ކަމަށެވެ. ރައްޔިތުންގެ ރައްކާތެރިކަމަށް ދައުލަތުގެ މުއައްސަސާތަކުން ކުރާ މަސައްކަތަކާމެދު ހިތްހަމަނުޖެހޭނަމަ އެކަންކަމާމެދު ފިޔަވަޅު އެޅޭނެ ނުވަތަ ޝަކުވާ ހުށަހެޅޭނެ އިދާރާތައްވެސް ޤާއިމްކޮށްފައިވާ ކަމަށް އަނިލް ވިދާޅުވިއެވެ. އަދި ޤާނޫނުގައި ހުންނަ މަފްހޫމްތައް އެނގިތިބެ އެކަން އޮޅުވާނުލުމަށް ބަންޑާރަ ނާއިބު އަނިލް ވަނީ އިލްތިމާސްކުރައްވާފައެވެ.

"ކުށެއް މީހަކު ކޮށްފިނަމަ އެ ކުށަކަށް އަދަބު ލިބޭނެ. އަދި އަދަބު ދޭނެވެސްމެ. ކޯޓު އަމުރެއް ހިފައިގެން ދައުލަތުގެ ޔުނީފޯމް އެޅި މުވައްޒަފަކު ތަނެއް ބަލާ ފާސްކުރަން ދާއިރު ހުންނާނެ ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖުރާޢަތްތަކެއް. އެ އިޖުރާއަތްތައް ފުރިހަމަ ނުކޮށެއް އެއްވެސް މުއައްސަސާއެއްގެ މުވައްޒަފެއް ނުދާނެ ތަނެއް ފާސްކުރާކަށް ކޯޓު އަމުރެއް ހިފައިގެން،" އަނިލް ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ މުހިއްމު ޤާނޫނެއް ކަމަށް ވިދާޅުވެ ބަންޑާރަ ނާއިބު އަނިލް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްފަހު އެ ޤާނޫނަށް ޢަމަލު ކުރުން ފަސް ކުރުމަށް ނިންމުމުން އެ ޤާނޫނާއި މެދު ދައުލަތުން މާ ބޮޑު ސަމާލު ކަމެއް ނުދޭ ކަމަށްބުނެ ބައެއް ފަރާތްތަކުން ވާހަކަ ދެއްކިކަމަށެވެ. ނަމަވެސް އެފަދަ ބޮޑު ޤާނޫނަކަށް ޢަމަލު ކުރަން ފަށާއިރު ނިންމަންޖެހޭ މުހިއްމު ކަންކަން ހުންނާނެ ކަމަށްވެސް ބަންޑާރަ ނާއިބު ފާހަގަކުރެއްވިއެވެ. އެގޮތުން ނިޒާމީ ބަދަލުތައް ގެނައުމަށް ވަގުތު ނެގި ކަމަށް އަނިލް ވިދާޅުވިއެވެ.

ބަންޑާރަ ނާއިބު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ ކުށްވެރިން ފިލުމަށް ފަސޭހަ ޤާނޫނެއް ކަމަށް ވިދާޅުވެ ބައެއް ފަރާތްތަކުން އެ ޤާނޫނަށް ފާޑު ކިޔަމުން ދިޔަކަމަށެވެ. ނަމަވެސް ޤާނޫނުތައް ފަރުމާކޮށް އަދި ފާސްކުރަނީ ދިވެހި އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާފައިކަމަށްވެސް އަނިލްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"މިއީ ނުހިނގާ ވަރުގެ ޤާނޫނެއް ނޫން. މި ޤާނޫނު ހިންގައިގެން މީހަކު ކުށަކުން ބަރީޢަވެގެން ނުދާނެ. މި ޤާނޫނު ހިނގައިގެން ކުށްވެރިން އަތުލެވޭނެ. މި ޤާނޫނު ހިންގައިގެން ކުށްވެރިން އަތުލެވޭނެ މާ ފަސޭހަ ގޮތް ހުންނާނެ. އަދަބުވެސް ކަނޑައެޅޭނެ. އަދަބު ކަނޑައެޅޭނެ މާ ފަސޭހަ ގޮތް ހުންނާނެ،" ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލު ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްޤުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ބާރު އެޅުމާއި، އެފަދަ ދައުވާތައް، ހަރުދަނާއަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ އުސޫލުތައް ކަނޑައަޅާފައިވާ ޤާނޫނެކެވެ.