ޚަބަރު

ރިޔާސީ ބަޔާން އިއްވުން ހޯމަ ދުވަހު، ޖަލްސާ އޮތީ ދަރުބާރުގޭގައި


ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ހޯމަ ދުވަހު ބޭއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙް މުޙައްމަދު ނިންމަވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާއިން ބުނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00ގައި މިއަހަރުގެ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން މަޖިލިސް ރައީސް ނިންމަވާފައިވާ ކަމަށެވެ. އަދި އެ ޖަލްސާ އޮންނާނީ ދަރުބާރުގޭގައި ކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

އަންނަ ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙް މުޙައްމަދު ނިންމެވި ނަމަވެސް މަޖިލީހުގެ އެޖެންޑާއެއް އަދި ޢާންމެއް ނުކުރެއެވެ.

ކޮންމެ އަހަރެއްގެވެސް ރައްޔިތުން މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުން އޮންނާނެއެވެ.

ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރަކުމެ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމުގެމައްޗަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ އިއްވަވަންވާނެ ކަމަށެވެ.

މިއަހަރަށް ރައްޔިތުންގެ މަޖލިސް ހުޅުވުމާއިއެކު ސާޅިސް ފަސް ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ބަންޑާރަ ނާއިބް އަލްއުސްތާޛު މުޙައްމަދު އަނިލް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ބަޣާވާތް ކުރުމާއި ރިޝްވަތު ދިނުމުގެ ކުށަކީ ވަކި ކުށްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނުލް އުޤޫބާތަށް ދެ އިޞްލާޙް ހުށަހަޅުއްވާކެމަށްވެސް ބަންޑާރަ ނައިބް ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ އިންތިޚާބުތަކުގައި އަމަލުކުރި ސުޕްރީމް ކޯޓުގެ ގައިޑްލައިނާއި އިންތިޚާބުތަކުގެ އޮބްޒާވަރުން ފާހަގަކުރެއްވި ކަންކަމަށް ރިޢާޔަތްކޮށް އިންތިޚާބުތަކާބެހޭ ޤާނޫނަށް ގިނަ އިސްލާޙުތަކެއް ގެންނަވަންވެސް ވަނީ ނިންމަވާފައެވެ.