ކުޅިވަރު

ޗެލްސީ މޮޅުވިޔަސް ކޯޗު ކޮންޓޭއަށް ކަންބޮޑުވުމެއް!


ނިއުކާސްލް ބަލިކޮށް، ޗެލްސީ އެފް.އޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ ސޯޅައަށް ދަތުރުކުރިނަމަވެސް މެޗުގައި ދެ ލަނޑު ޖަހައިދިން ފޯވާޑް މިޝީ ބަޓްޝުއާއި ސީޒަންގެ ބާކީބައިގެ ޗެލްސީގައި މަޑުކުރާނެ ކަމުގެ ޔަޤީންކަން ނެތްކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

އެފް.އޭ ކަޕްގައި ރޭ ނިއުކާސްލް ތިނެއް ސުމަކުން ބަލިކުރި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޮންޓޭ ބުނީ ޗެލްސީން އިތުރު ފޯވާޑެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިތުރު ފޯވާޑެއް ގެނެވިއްޖެ ނަމަ މިހާރު ޓީމުގައި ތިބި ފޯވާޑުންގެ ތެރެއިން ފޯވާޑެއް ކްލަބުން ދޫކޮށްލުމަކީ ދުރުކަމެއް ނޫންކަމަށެވެ.

ރޭގެ މެޗަށްފަހު ދެ ލަނޑު ޖަހައިދިން ފޯވާޑް ބަޓްޝުއާއި ބުނީ އޭނާއަށްވެސް އޭނާ ކްލަބްގައި ހުންނާނެ ކަމާމެދު އެއްޗެއް ބުނަން ނޭންގޭ ކަމަށެވެ.

ރޭގެ މެޗުގައި ޗެލްސީގެ ފުރަތަމަ ދެ ލަނޑު ބަޓްޝުއާއި ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ތިން ވަނަ ލަނޑު ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ޑިފެންޑަރު މާކޮސް އޮލޮންސޯއެވެ.

ޗެލްސީން މިހާރު ވާހަކަ ދައްކަމުން ދަނީ މެންޗެސްޓަރ ސިޓީގެ ކުރީގެ ފޯވާޑް، މިހާރު ރޯމާއަށް ކުޅެމުން އެޑިން ޒެކޯ ހޯދުމަށެވެ.