ކުޅިވަރު

މޮޅުވިޔަސް، ކުޅުންތެރިން ހިމާޔަތް ނުކުރާތީ ގާޑިއޯލާގެ ފާޑުކިއުން!


ކުޅުންތެރިން ހިމާޔަތް ކުރުމަކީ ރެފްރީގެ ޒިންމާއެއް ކަމަށާއި، އެކަން ފުރިހަމައަށް ރެފްރީން އަދާކުރަން ޖެހޭކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އެފް.އޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ މެންޗެސްޓަރ ސިޓީއާއި ކާޑިފް ބައްދަލުކުރި މެޗުގައި ސިޓީގެ މިޑްފިލްޑަރ ލީރޯއީ ސާނޭއަށް އަނިޔާވެ ބަދަލުކުރަން ޖެހުމުން ސިޓީގެ ކޯޗު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ރެފްރީއަށް ފާޑުކިޔާފައެވެ.

ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ކުޅުންތެރިންނަކީ އާޓިސްޓުންތަކެއް ކަމަށާއި، އެކުޅުންތެރިން ހިމާޔަތް ކުރަން ޖެހޭކަމަށެވެ. އަދި އެއީ ހަމަ އެކަނި ސިޓީގެ ކުޅުންތެރިން ނޫންކަމަށާއި، ހުރިހާ ޓީމެއްގެ ކުޅުންތެރިންނަށްވެސް ރެފްރީން ހިމާޔަތް ދޭން ޖެހޭކަމަށެވެ. އަދި ނުރައްކާތެރި ޓެކުލެއް ކޮށްފިނަމަ އެކަން ކުރާ ކުޅުންތެރިއަކަށް އަދަބުދޭން ޖެހޭކަމަށް އިޝާރާތް ކުރަމުން ގާޑިއޯލާ ބުނީ ރޭގެ މެޗުގައި ކާޑިފްގެ ކުޅުމާމެދު އެއްވެސް ޝަކުވާއެއް ނެތްކަމަށެވެ. އަދި އޭނާގެ ޓީމުގެ ކުޅުންތެރިންގެ ހިތްވަރަށާއި ދެއްކި ކުޅުމާމެދު ފަޚުރުވެރިވާ ކަމަށެވެ.

ރޭގެ މެޗުގައި އަނިޔާވި ސާނޭ ދެތިން ހަފްތާ ކުޅުމާ ދުރުގައި ހޭދަކުރަން ޖެހޭނެކަމަށް ސިޓީގެ ކޯޗު ގާޑިއޯލާ ބުންޏެވެ.

ސިޓީ އާއި ކާޑިފް ބައްދަލުކުރި މިމެޗު ސިޓީ ކާމިޔާބުކުރީ ދޭއް ސުމަކުންނެވެ. ރޭގެ މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ މިޑްފިލްޑަރ ކެވިން ދެ ބްރޫނޭއެވެ. އަދި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިންގއެވެ.

މިމެޗުން މޮޅުވެ ސިޓީ ވަނީ މުބާރާތުގެ ގަދަ ސޯޅައިން ޖާގަ ހޯދާފައެވެ.